ރާއްޖޭގައި ކިޔަވައިދޭ ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި އެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން އިއުލާންކުރެއްްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ގެނެވުނު ބަދަލާއެކު ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް އިތުރު ގަޑިއާއެކު ކުރިން 18،680 ރުފިޔާ ލިބުނުއިރު، ގެނެވުނު ބަދަލުތަކާއެކު، އިތުރު ގަޑިއާ ނުލައި 29،900 ރުފިޔާ މިހާރު ލިބޭނެ ކަމަށެވެ. އަދި މިއީ 59 ޕަސަންޓްގެ ކުރިއެރުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސީނިއާ ލެކްޗަރާއަކަށް މިހާރު އިތުރުގަޑިއާއެކު 20،831 ރުފިޔާ ލިބޭއިރު، އެ މުސާރަ އިތުރު ގަޑިއާ ނުލައި 34،000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އެސިސްޓަންޓް ޕްރޮފެސަރުގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000 އިން 45،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ.

މެނޭޖްމަންޓްގެ ލެވަލްގައި މަސައްކަތްކުރާ ފަރާތަކަށް ވެސް މުސާރަ ބޮޑުކޮށްފައިވާކަން ރައީސް ވަނީ މިއަދު އިއުލާންކޮށްފަ އެވެ. އެގޮތުން ޑީންއަކަށް ނުވަތަ ހެޑް އޮފް ސެންޓަރަށް ލިބެމުންދިޔަ 30،000 ރުފިޔާ 38،000 އަށް ބޮޑުކުރުމާއި، ރަޖިސްޓްރާގެ މުސާރަ 32،0000 އިން 42،0000 ރުފިޔާއަށް ބޮޑުކުރުމާއި ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މުސާރަ 39،000 އިން 48،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ.

މީގެ އިތުރުން ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެޗްޗަރުންނަށް މިހާރު ލިބޭ 14،700 ރުފިޔާ އިން 26،000 ރުފިޔާއަށް، އަދި ލެކްޗަރުންނަށް ލިބޭ މުސާރަ 17،000 ރުފިޔާއިން 29،000 ރުފިޔާއަށް އަދި ސީނިއާ ލެކްޗަރެއްގެ މުސާރަ 17،000 ރުފިޔާއިން 34،000 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން މިކަމަށް ހަރަދުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ މުސާރަ ބޮޑުކުރީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އަދި ޔުނިވާސިޓީތަކުގެ މުސާރަ މިހާރު ބޮޑުކޮށްފައިވާއިރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުއީ ދާއިރާ އާއި އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފަ އެވެ. އަދި މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތައް ވެސް ނޭޝަނަލް ޕޭ ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ.