ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށް އަން އެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.

އަން އެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފް ކުރުމަށް، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި އެ ބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު އެބިލް އޮތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކޮށް މުރާޖައާ ކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.