ތުއްތު އަންހެން ކުދިންގެ ކަންފަތް ޅަ އުމުރުގައި ތޮރުފުމަކީ އަހަރުމެންގެ ރާއްޖޭގައި ވެސް ގިނަވަމުން އަންނަ ކަމެކެވެ. ބައެއް މައިންބަފައިން އެކަން ކުރަނީ ރީއްޗަކަށް ކަމަށްވާއިރު ބައެއް ބެލެނިވެރިންގެ ބޭނުމަކީ ބޮޑުވުމުން އެކަން ކުރާއިރު އަޅާ ވޭނުން ކުއްޖާ ސަލާމަތް ކުރުމެވެ.

ކޮންމެ ބޭނުމެއްގައި ކުރި ނަމަވެސް މިއީ ވަރަށް ވިސްނާފައި ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ތުއްތު ކުދިންގެ ހަންގަނޑަކީ ނާޒުކު ހަންގަނޑަކަށް ވާއިރު ކަންފަތް ތޮރުފުމުގެ ގިނަ އަސަރުތަކެއް ވެސް ކޮށްފާނެ އެވެ.

ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި އަލަށް އުފަންވާ ކުއްޖާއަށް ޓެޓްނަސް ވެކްސިންގެ ދެ ޑޯޒް ދީފައި ނޫނީ ކަންފަތް ތޮރުފައިގެން ނުވާނެ އެވެ. އެއީ ގާތްގަނޑަކަށް ކުއްޖާގެ އުމުރުން ހަތަރު މަހެވެ.

ތުއްތު ކުދިންގެ ކަންފަތް ތޮރުފުމާ ދެކޮޅަށް ޑޮކްޓަރުންގެ ސީދާ ލަފާ ލިބިފައި ނުވި ނަމަވެސް އެކަން ކުރުމުގައި ރަނގަޅު އާލާތްތައް ބޭނުން ކުރުމަށާއި ތޮރުފުމަށްފަހު ކަންފަތް ރަނގަޅަށް ފަސޭހަވަންދެން ބެލެހެއްޓުމަށް ޑޮކްޓަރުން އިލްތިމާސް ކުރެ އެވެ.

ކުރިން ވެސް ބުނި ފަދައިން ތުއްތު ކުދިންގެ ހަންގަނޑަކީ ނާޒުކު ހަންގަނޑެކެވެ. ނަތީޖާއެއްގެ ގޮތުން ކަންފަތް ތޮރުފާ ހިސާބުގައި އިންފެކްޝަން ހެދި ފާރުވުމުގެ ފުރުސަތު ބޮޑެވެ. ގަވާއިދުން އެތަން ސާފުކޮށް ކަންފަތުލާފައިވާ އެއްޗަކީ ދަރިފުޅާ ގުޅޭ އެއްޗެއްތޯ ބެލުން ވަރަށް މުހިއްމެވެ.

އެހެން ކަމުން ތުއްތު ދަރިފުޅުގެ ކަންފަތް ތޮރުފުގެ ކުރިން އެއީ ކިހާ ވަރެއްގެ ކަމެއްތޯ ރަނގަޅަށް ދިރާސާކޮށް ތަޖުރިބާކާރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.