އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ މޭގަން މާކަލްއާ ކުރި ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އެ ދެކަނބަލުންނަށް އެރުވި ފްރޮގްމޯ ކޮޓޭޖް ހުސްކުރަން އެންގުމާއެކު ޝާހީ އާއިލާގެ ގުޅުންތަކަށް ދެން ވާނެ ގޮތާމެދު ސުވާލު އުފެދިއްޖެ އެވެ.
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފްރޮގްމޯ ކޮޓޭޖް ހުސްކުރަން ޗާލްސް ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން ހެރީއަށް އަންގާފައިވާއިރު އެއީ އިނގިރޭސި ވިލާތަށް ކުރައްވާ ޒިއާރަތް ތަކުގައި މިހާރު ވެސް ހެރީގެ އާއިލާ ބޭނުން ކުރައްވާ ގެކޮޅެވެ.
ޗާލްސްގެ މި ނިންމުމާއެކު ހީނަރުވެފައިވާ ޝާހީ އާއިލާގެ ގުޅުންތަކަށް ކުރާނީ ކޮން އަސަރުތަކެއްތޯ އެ އާއިލާގެ ކަންކަން ބަލައި ދިރާސާކުރާ ފަރާތްތަކުން މިވަނީ ސުވާލުކޮށްފަ އެވެ.
އެގޮތުން ހެރީއާއި މޭގަން ދަރިން ކަމަށްވާ ތިން އަހަރުގެ އާޗީއާއި އެއް އަހަރުގެ ލިލިބެޓް އެ ދެބޭފުޅުންގެ ކާފާފުޅު ޗާލްސް ރަސްގެފާނާއެކު ރަނގަޅު ގުޅުމެއް އޮންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ހެރީގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ ޒިއާރަތްތަކުގައި ހުންނަވާ ގެކޮޅު ނެންގެވުމުން ކުރިއަށް އޮތް ތަނުގައި އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުތަކުގައި ހުރުމުގެ އިންތިޒާމުތައް ކުރައްވާނެ ގޮތަކާ މެދު ދެކަނބަލުން ކަންބޮޑުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން ޝާހީ ގަނޑުވަރުގެ ސެކިއުރިޓީ ނުލިބޭ ހިސާބުގައި ހުންނަވަން ޖެހުމަކީ އެއާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމެއް ނޫންކަން އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ. ފްރޮގްމޯ ކޮޓޭޖްއަކީ ވިންޑްސޯ ކާސަލްގެ ގޯތިތެރޭގައި ހުރި ގެއެކެވެ.
ޝާހީ އާއިލާގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދިފައިވާއިރު އެ އާއިލާ އެންމެ ފަހުން އެއްތަން ވެފައިވަނީ ރާނީ އެލިޒަބަތުގެ ޖަނާޒާ އަށެވެ.