ގދ. ހޯޑެއްދޫން ކޮވިޑް-91 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.

މިއީ އަތޮޅު ތެރޭގެ ރަށަކުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރަށެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ށ. ނަރުދޫންނެވެ. އެ ރަށުން 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ހޯޑެއްދޫން ޕޮޒިޓިވްވި މީހުންނާއެކު މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 74 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 59 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ. އަދި މިއަދު 105 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯޑެއްދޫން ޕޮޒިޓިވްވި 35 މީހުންގެ ތެރެއިން 29 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ފުރަބަންދުގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ހިމެނެ އެވެ. އެ ރަށުން މީގެ ކުރިން ޕޮޒިޓިވްވެފައި ވަނީ 25 މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބުނީ އެ ރަށުން އަލަށް ޕޮޒިޓިވްވީ ފަސް އަންހެނުންނާއި ފަސް ދިވެހިންނެވެ. މީގެ ތެރޭގައި ހިމެނެނީ 13، އަހަރާއި 19 އަހަރުގެ ދެ މީހުންނާއި، 62 އަހަރުގެ މީހަކާއި 67 އަހަރުގެ އަންހެނެކެވެ. އަދި ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 28 އަހަރު، 41 އަހަރު، 67 އަހަރު އަދި 80 އަހަރުގެ ފިރިހެނަކު ވެސް ހިމެނެ އެވެ.

އެޗްއީއޯސީން ބުނީ އަލަށް ޕޮޒިޓިވްވި 10 މީހުންގެ ތެރެއިން 8 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓް ކަމަށެވެ. އަދި ބާކީ ދެ މީހުންނަކީ ސެކަންޑްރީ ކޮންޓެކްޓް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އެޗްއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯޑެއްދޫން މިހާތަނަށް 111 ކޮންޓެކްޓުން ފެނިފައިވާ އިރު އޭގެ ތެރެއިން ބަލީގެ އަަލާމާތްތައް ހުރި 60 މީހަކު އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 50 އަހަރުން މަތީގެ ފަސްމީހަކާއި އަހަރު ނުވާ ދެ ކުދިން ހިމެނެ އެވެ.

ހޯޑެއްދޫން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނުނެވެ. އެ ރަށުގެ ގިނަ ކޭޭސްތައް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު 19 ކޭސް ފެނުނެވެ. އެ އެންމެންނަކީ ވެސް އެރަށުގެ ހަތަރު ގެއަަކާ ގުޅިފައިވާ މީހުންނެވެ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށުން ފާހަގަވި 111 ކޮންޓެކްޓުންނަކީ ވެސް ފުރަަތަމަ ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންނެވެ.

އެ ސެންޓަރުން މިރޭ ބުނީ ހޯޑެއްދޫން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ދެ މީހުން ފޮނުވާލުމުން އެ ރަށުގެ އެކްޓިވް ކޭސްގެ ގޮތުގައި 33 މީހަކު އެބަތިއްބެވެ.