ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު އިބްރާހިމް އަލީ ޚާންގެ އުފަން ދުވަހުގެ މުނާސަބަތުގައި ސައިފްގެ މިހާރުގެ އަންހެނުން ކަރީނާ ކަޕޫރު ލޯބި މެސެޖެއް ފޮނުވައިފި އެވެ.

ސައިފް އާއި އޭނާގެ ތިން ފިރިހެން ދަރިން ކަމަށްވާ އިބްރާހިމް، ތައިމޫރު އަދި ޖަހަންގީރު ފެންނަ ފޮޓޯއަކާ އެކު ކަރީނާ ފޮނުވި މެސެޖުގައި އޭނާ ވަނީ އިބްރާހީމްއަކީ އެންމެ "ސްވީޓް" އަދި އެންމެ ރީތި ކުއްޖާގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

މިދިޔަ އަހަރު ސައިފްގެ އުފަން ދުވަހު ނަގާފައިވާ އެ ފޮޓޯގައި ސައިފްގެ ތިން ދަރިން އެއްފަހަރާ ފެނުމަކީ މަދުފަހަރަކު ނޫނީ ނުވާ ކަމެކެވެ.

ނުވަދިހައިގެ އަހަރުތަކުގައި ފިލްމީ ބަތަލާ އަމްރީތާ ސިންހްއާއެކު ކުރި ކައިވެނިން ސައިފްއަށް އިބްރާހިމް އާއި ސާރާ އަލީ ޚާން ލިބިފައިވާއިރު އެ ދެބެއިންނާއި ދޮން މަންމަ ކަރީނާގެ ގުޅުން ރަނގަޅު ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން އެކި މުނާސަބަތުތަކުގައި ކަރީނާއާއެކު ސައިފްގެ ދަރިން ފެނިފައިވާއިރު އެ އާއިލާގެ ގުޅުމަށް މީޑިއާގެ ބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެ އެވެ.

ސައިފްގެ ކުދިންގެ ތެރެއިން ސާރާ އަލީ ޚާން ފިލްމުތަކުން ފެންނަން ފަށާފައިވާއިރު އިބްރާހިމް އަންނަނީ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރު ވަމުންނެވެ.