ޔުނިވާސިޓީތަކުގެ ލެކްޗަރަރއިންގެ މުސާރަ ބޮޑުކުރުމުން އެކަމަށް އެކަނި 62.5 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މި މަހުން ފެށިގެން ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ އިރު، ގާތްގަނޑަކަށް %59ގެ ކުރިއެރުމެއް ލެކްޗަރާއިންނާއި ޔުނިވާސިޓީ މުވައްޒަފުންގެ މުސާރަތަކަށް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި ބަދަލާއެކު ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ 625 މުވައްޒަފަކާއި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ 124 މުވައްޒަފަކާއި، ޕޮލިޓެކްނިކްގެ 18 މުވައްޒަފަކާއި ޔުނިވަސިޓީތަކުގެ 767 މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މުސާރަތައް ބޮޑުކުރުމުގެ ސަބަބުން ބަޖެޓަށް އިތުރުވާ ހަރަދުތަކަކީ ބަޖެޓް ކުރެވިގެން އިތުރުވާ ހަރަދުތަކެއް ކަމަށާއި މިއީ ބަޖެޓްގައި ނުހިމެނޭ ކަންތައްތަކެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ހަރަދުތަކަށް ފައިސާ ހޯދާނޭ ގޮތްތައް ދުރާލާ ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މުސާރަތަކަށް އައި ބަދަލާއެކު ދައުލަތުގެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރުމަކީ ވަރަށް "އެޓްރެކްޓިވް"ކަމަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.