އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާ އުފުލައިފި އެވެ.

ނިހާންގެ މައްޗަށް އުފުލާފައި ވަނީ މަނޯލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތުގެ ފަސް ދައުވާ އެކެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔަނެއްގައި ވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

ނަމަވެސް ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ނިހާނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ، އެ މައްސަލާގައި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

2014 ވަނަ އަހަރު ޕީޖީ ކަމަށް މުހުތާޒު މުހުސިން އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރުގެ ގޮތުގައި ގުރައިދޫ ދާއިރާގެ އޭރުގެ މެމްބަރު އިބްރާހިމް ރިޒާ ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަދީބު ގާތު އެދިފައިވާތީ އުފުލާފައި ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ.

އެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. ނިހާން އެ ގަޑި ބަލައިގަނެފައި ވަނީ ވިޔަފާރިވެރިޔާ އަލްމަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ކަމަށް ދައުވާގައި ވެ އެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އަދި އަދީބު ދިން ފައިސާގައި ހިފާފައި ވާތީ، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.