ޓޮބްލެރޯން ޗޮކުލެޓަކީ އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ޗޮކުލެޓެކެވެ. ޓޮބްލެރޯންގެ ނަން އެހާ ބޮޑަށް މަޝްހޫރުވެފައިވަނީ އެއި ސްވިސް ޗޮކްލެޓެއްގެ ގޮތުގައި އޮތީމަ އެވެ.
ސްވިޓްޒަލެންޑަކީ އެގައުމުގެ ޗޮކުލެޓަށް މަޝްހޫރު ގައުމަކަށް ވާއިރު އެ ގައުމުގައި އުފައްދާ ޗޮކްލެޓުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެގައުމުން ވަކި މިންގަނޑުތަކެއް ގެންގުޅެ އެވެ.
އެހެން ނަމަވެސް ޓޮބްލެރޯން ކުންފުނީގެ އެންމެ ފަހުގެ ނިންމުމާއެކު އެ ޗޮކުލެޓަށް ދެވިފައިވާ ސްވިސް ޗޮކްލެޓްގެ މަގާމު ގެއްލޭނެ އެވެ.
ޓޮބްލެރޯން އުފެއްދުން ސްވިޓްޒަލޭންޑް ނޫން އެހެން ގައުމަކަށް ފުޅާކުރަން އެ ކުންފުނިން ނިންމާފައިވާއިރު މިއީ ސްވިސް ޗޮކްލެޓްގެ ގޮތުގައި ބަލާ މިންގަނޑާ ފުށުއަރާ ކަމެކެވެ.
މިއާއެކު ޓޮބްލެރޯން ޗޮކްލެޓްގެ ލޯގޯގައިވާ ފަރުބަދަ ވެސް ގެއްލޭނެ އެވެ. އެ ފަރުބަދައަކީ ސްވިސް ޗޮކްލެޓަކަށް ވުމުގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރެވުނު ލޯގޯ އެކެވެ.
އެހެން ކަމުން ޓޮބްލެރޯންއިން އަލަށް ބޭނުންކުރާ ލޯގޯއަކީ އެ ޗޮކުލެޓާ ގުޅޭ ލޯގޯއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.