ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުން ގާނޫނު އަސާސީ މާނަ ކުރަނީ ގޯސްކޮށް ކަމަށް ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
ޝަރީއަތްތަކުގައި ގާނޫނު އަސާސީ މާނަ ކުރާގޮތާއި މެދު ހުރި ކަންބޮޑުވުންތައް އިބްރާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިއްސާ ކުރެއްވުމުން އެމަނިކުފާނު އެދިވަޑައިގަތީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއާއި އެކަންކަން ހިއްސާ ކުރެއްވުމަށެވެ. އަދި އިބްރާ މިއަދު ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައި އެވެ.
ކޯޓުތަކުގައި ޝަރީއަތްތަކުގައި ގާނޫނު އަސާސީ މާނަ ކުރުމާބެހޭ ގޮތުން ހުރި ބޮޑެތި ކަންބުވުންތައް ހިއްސާކޮށް އެކަން ކަމަށް ހައްލެއް ހޯދައިދިނުމަށް ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބުރާ) ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ޖުޑީޝަރީ ކޮމެޓީގައި އިބްރާ ވިދާޅުވީ މަދަނީ މައްސަލަތަކުގައި ދައުލަތުގެ ވަކީލުންނާއި ބައެއް ދިފާއީ ވަކީލުންވެސް ގާނޫނުއަސާސީ އާއި މަދަނީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ފާހަގަކުރައްވާ ގާނޫނީ އަދި ޝަރުއީ ނުކުތާތައް މާނަ ކުރަނީ ގޯސްކޮށް ކަމަށެވެ.
އިބުރާހީމް އިސްމާއީލް ވިދާޅުވީ އެންމެ ބޮޑޫ ކަންބޮޑޫވުމަކީ ކޯޓުތަކުގައި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަ ކުރާ ގޮތް ކަމަށެވެ. އެ އަކުރުގައި އޮންނަނީ މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ.
އެ މާއްދާތައް އިތުރަށް ތަފްސީލުކޮށްދެއްވަން އިބްރާ ވިދާޅުވީ 143 ވަނަ މާއްދާގެ (ރ) އެގޮތަށް ލިޔުނީ މަތީ މަރުމަހަލާ ކޯޓުތަކުން ގާނޫނު މާނަ ކުރާ ގޮތާ ދަށު ކޯޓުތަކުން ގާނޫނު މާނަކުރާ ގޮތް އެއްގޮތް ކުރުމަށް ކަމަށެވެ. އަދި އެއަށް އަމަލު ނުކުރާ ނަމަ އެކި ކޯޓުތަކުގައި އެކި މާނަ ނަގަމުން ދާނެ ކަމަށްވެސް އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ މަތީ ކޯޓަކުން މައްސަލައެއްގައި ވަކި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުން މައްސަލަ މަޑުޖައްސާލައިގެން ނުތިބެވޭނެ ކަމަށެވެ. އޮންނަން ޖެހޭ ގޮތަކީ ދަށު ކޯޓަށް ފެންނަ ގޮތަކަށް ގާނޫނު މާނަ ކުރުން ކަމަށާއި، އޭގައި ގޯހެއްވާނަމަ މަތީ މަރުހަލާއިން ހައްލެއް ލިބިގެން ދާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
އިބްރާ އިތުރަށް ވިދާޅުވީ ފަނޑިޔާރުން އެމީހުންގެ މަސައްކަތުގަ އަމަލުކުރަން ވާނީ ގާނޫނު އަސާސީއާ ގާނޫނާއި އެއްގޮތަށް ކަމަށް ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ވަރަށް ސާފު ކޮށް އޮންނާނެ ކަމަށެވެ.
އެހެންވީމާ މިކަންކަމުގެ ސަބަބުން ގާނޫނު އަސާސީގެ މުޅި މަގުސަދު އޮޅި، ގާނޫނުން ރައްޔިތުންނަށް ހޯދައިދީފައިވާ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށް އިބްރާ ވިދޅާުވި އެވެ.