މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގެ އައު އިމާރާތަށް ބޭނުންވާ ސިވިލް، ފިނިޝިން މެޓީރިއަލްސް އަދި ކޯނޭލިފްޓް ފޯރުކޮށްދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްޓޭޓް ޓްރޭޑިންގެ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަންގާރަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާނެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަނީފެވެ.

މި އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް ހަމަޖެހިފައިވަނީ އިމާރާތް ނިންމުމަށް ބޭނުންވާ ސާމާނެވެ.

މި އިމާރާތަކީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ހިންގުމަށް ބޭނުން ކުރެވޭ އިމާރާތަކަށްވާތީ އިމާރާތް އަވަހަށް ނިންމުމަށް އެސްޓީއޯއިން އެހިތެރިވެދޭނެއެވެ.