ދަރިއެއް ލިބެން އުޅޭއިރު ވާ ތައްޔާރީތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެވިގެން ކުރެވޭ އެއް ކަމަކީ ތުއްތު ދަރިފުޅު ނިދާނެ ލޯބި ލޯބި އެނދެއް ހޯދުމެވެ. އެކަމަށްޓަކައި ގިނަ ހަރަދުތަކެއް ވެސް ކުރެވެ އެވެ.
އެހެން ނަމަވެސް ތުއްތު ދަރިފުޅު ވަކިން އެނދެއްގައި އަބަދު ނިންދެވުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވެ އެވެ. އެކަން މިވަނީ ދިރާސާތަކުން ވެސް ސާބިތުކޮށްދީފަ އެވެ.
ގިނަ މައިން ދަރިން ވަކިން ނިންދަވަނީ މައިންބަފައިންނާއެކު އެއް އެނދެއް ހިއްސާ ކުރާނަމަ ވެދާނެ އަނިޔާއަކަށް ބަލާފަ އެވެ. މިއީ ވެސް ރަނގަޅު ވިސްނުމެކެވެ.
އެހެން ނަމަވެސް މަދުން ނަމަވެސް ދަރިފުޅު މައިންނާއެކު ނިންދަވަން ވާނެ އެވެ. ވީހާ ވެސް ކައިރީގަ އެވެ. އެންމެ ރަނގަޅު އެއްގޮތަކީ މައިމީހާގެ މޭމަތީގައި ދަރިފުޅު ނިންދަވައިގެން އޮތުމެވެ.
މީގެ ސަބަބުން މައިމީހާ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބޮޑުވެ، ދަރިފުޅުގެ ސިކުނޑި ތަރައްގީވުމުގެ ފުރުސަތު ވެސް ބޮޑުކޮށްދެ އެވެ.
ސައުތު އެފްރިކާގެ ކޭޕް ޓައުން ޔުނިވަސީގެ ދިރާސާ ޓީމްގައި ހިމެނޭ ޑރ. ނިލްސް ބާގަން ވިދާޅުވި ގޮތުގައި އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރު ވަންދެން ދަރިފުޅު މައިމީހާގެ ކައިރީގައި ނިންދަވަން ވާނެ އެވެ.
މައިމީހާގެ ކައިރީގައި ނިންދަވާ ކުދިންނާއި ވަކި އެނދެއްގައި ނިންދަވާ ކުދިން ބޭނުންކޮށްގެން ހެދި ދިރާސާ އިން ދެއްކި ގޮތުގައި މައިމީހާގެ ގާތުގައި ނިންދަވާ ދަރިންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އެހެން ކުދިންނަށް ވުރެ މާ ބޮޑަށް ވެސް އިތުރުވެ.
ކޯ ސްލީޕިން އަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރެވޭ ކަމަކަށްވާއިރު މިއީ ދަރިފުޅުގެ ހެދިބޮޑުވުމަށް މުހިއްމު ކަމެކެވެ.