ފިނި މޫސުމުގެ ބަންދަށް ފަހު އަފްޣާނިސްތާނުގެ ޔުނިވާސިޓީތައް ހުޅުވުނުއިރު، އެ ޔުނިވާސިޓީތަކުގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރުންގެ އުއްމީދުތައް ފެނަށް ވެއްޖެ އެވެ.
ޔުނިވާސިޓީ ނިންމައި މަތީ ތައުލީމު ހާސިލުކުރުމުގެ އުންމީދުގައި ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔަ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް އޮތީ ގޭގައި މަޑުކޮށްލަން ޖެހިފަ އެވެ. އެ ގައުމުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓަރީގެ މި ނިންމުމަށް މުޅި ދުނިޔެއިން ފާޑު ކިޔަމުންދިޔަ ކަމަށް ވިޔަސް، ތާލިބާނުން ވަނީ އެ މީހުންގެ ނިންމުމަށް ބަދަލެއް ނުގެނެސް އަންހެނުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ދޮރު ބަންދުކޮށްފަ އެވެ.
"އަހަންނަކީ މިހާރު އެއްވެސް މީހެއް ނޫން،" ކޮމްޕިއުޓަރު ސައިންސް ޑިގްރީގެ ހަތަރު ވަނަ އަހަރު ކިޔަވަމުންގެންދާ ދަރިވަރަކު ބީބީސީ އާ ވާހަކަ ދައްކަމުން ބުންޏެވެ. "އަހަރެން ނިންމައިގެން ހުރީ ޑިގްރީ ނުންމުމަށްފަހު މާސްޓާސް އާއި ޕީއެޗްޑީ ވެސް ހަދައިގެން އަހަރެންގެ ގައުމަށް ޚިދުމަތް ކުރުމަށް ކަމުގައި ވިޔަސް މިހާރު އެކަން ވާކަށް ނެތް."
ބީބީސީ އާ ވާހަކަ ދެއްކި އެ އަންހެން ކުއްޖާ މީގެ މަސްތަކެއް ކުރިން އޭނާގެ ރަހުމަތްތެރިންނާ އެކު ގެންދިޔައީ ގްރެޖުއޭޝަނަށް ތައްޔާރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
ގިނަ ކުދިން އެމީހުންގެ ޝުއޫރުތައް ހިއްސާކުރީ ކަރުނައާއެކު އެވެ. ޔުނިވާސިޓީގެ އުފާވެރި ހަނދާންތަކާ ކުރެވުނު ފޮނި އުންމީދުތައް ފެނަށްވެގެން ދިޔައިރު އެ މީހުންގެ ގާތްތިމާގެ ފިރިހެން ކުދިން ކިޔަވަން ދާ މަންޒަރު ދުށުން ވެފައި ވަނީ ހިތްޕަޅައިގެންދާ ފަދަ ކަމަކަށެވެ.
19 އަހަރުގެ ހިރާތަކީ ކޮމްޕިއުޓަރު ސައިންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި ޔުނިވާސިޓީގެ އެންޓްރެންސް ޓެސްޓުން ފާސްވި ދަރިވަރެކެވެ. މުސްތަގުބަލަށްޓަކައި ހިރާސް ކުރަމުން އައި އުންމީދުތައް ފުޑުފުނޑުވީ އަދި ފަށައި ވެސް ނުގަވެނީހެވެ. އޭނާއަށް ޔުނިވާސިޓީގެ ދޮރުން ވަދެލުމުގެ ނަސީބު ވެސް ނުލިބުނެވެ.
"އަހަރެންނާ އަހަރެންގެ ރަހުމަތްތެރިން ވަރަށް ބުރަ މަސްއަކަތް ކުރިން ޔުނިވާސިޓީ އެންޓްރެސްން އެގްޒާމުން ފާސްވާން. އެކަން ކާމިޔާބު ވެގެން ބަލާލިއިރު ހުރިހާ ކަމެއް މިއޮތީ ހުއްޓިފައި. މިހާރު އަހަރެމެންނަށް ކުރިޔަށް ދެވޭން އެއްވެސް ގޮތެއް ނެތް،" ހިރާސް ބީބީސީ އާ ވާހަކަ ދައްކަމުން ބުންޏެވެ.
ހިރާސް އުންމީދު ކޮށްގެން ހުރީ ޔުނިވާސިޓީ ނިންމުމަށްފަހު ވެބް ސައިޓް ޑިވެލޮޕަރެއްގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރާށެވެ.
އަފުޣާނިސްތާނަށް ޠާލިބާނުންގެ ވެރިކަން އައުމަށް ފަހުން ހުއްޓުން އެރީ ހަމަ އެކަނި އަންހެން ކުދިންގެ ޔުނިވާސިޓީ ތައުލީމަކަށް ނޫނެވެ. އާންމު ތަންތަންށް ނިކުމެ އުޅުމާއި ވަޒީފާއަށް ދިޔުން ވެސް އަންހެނުންނަށް ވަނީ މަނާ ކޮށްފަ އެވެ. ޔުނިވާސިޓީތައް އަންހެން ކުދިންނަށް ބަންދުކުރުމުގެ ކުރިން އެ ގައުމުގެ ސެކަންޑްރީ ސްކޫލުތަކުގައި ވެސް އަންހެން ކުދިންނަށް ކިޔަވައި ދިނުން ވަނީ މަނާ ކޮށްފަ އެވެ.
ތާލިބާނުންގެ ގިނަ އޮފިޝަލުން މީޑިއާއަށް މައުލޫމާތު ދޭއިރު އަންހެނުންނާ ދޭތެރޭ އަޅަމުންދާ ފިޔަވަޅުތަކަކީ ވަގުތީ ފިޔަވަޅުތަކެއް ކަމުގައި ބުނި ކަމުގައި ވިޔަސް އެފިޔަވަޅުތައް އުވާލާ ތަނެއް ނުވަތަ ފިޔަވަޅުތަކަށް ލުޔެއް ދޭން އުޅޭ ތަނެއް ވެސް ނުފެނެ އެވެ. ތާލިބާނުން ދައްކާ ބަހަނާތަކުގެ ތެރޭގައި އަންހެނުންގެ ހެދުން އަޅަން ޖެހޭގޮތް ބަދަލުކުރުމާއި ޔުނިވާސިޓީތަކުގެ ސިލަބަސް އިސްލާމް ދީނާ ގާތް ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތްތަކަކީ އަންހެނުންނަށް ކިޔަވައިދޭން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެވެ. އެކަންތައް ކުރުމުގައި ތާލިބާނުންގެ ބަހަނާއަކީ ފައިސާގެ ދަތިކަމެވެ.
އެހެންކަމުން ކިޔެވުމުގެ އުންމީދުގައި ތިބި އަފްޣާން އަންހެން ކުދިންގެ އުންމީދުގައި ކުލަ ޖެހޭނެކަމުގެ ނިޝާނެއް އަދި މިވަގުތަކަށް ފެންނާކަށް ނެތެވެ. ރިޕޯޓުތައް ބުނާ ގޮތުން ތާލިބާން ސަރުކާރަށް ދީނީ ކަންތައްތަކުގައި ލަފާދޭ އިސް މީހުންނަކީ އަންހެނުން ވަޒީފާ އަދާކުރުމާއި ކިޔެވުމާ ދެކޮޅު މީހުންނެވެ.
އަފްޣާނިސްތާނުގެ ގިނަ ޔުނިވާސިޓީތަކުން ވަނީ ދެ ޖިންސު ވަކިން ކިޔެވޭން އިންތިޒާމު ގާއިމުކޮށްފަ އެވެ.
"އެމީހުން ބޭނުން ވަނީ އަހަރެމެން ހިޖާބު އަޅަން ކަމަށް ވާނަމަ އުފަލުން އަހަރެމެން އެކަން ކުރާނަން،" ކާބުލް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.
"ދެ ޖިންސު ވަކިން ކިޔަވަން ޖެހުނަސް އެކަމާ ވެސް އަހަރެމެން ރުހެން. ކޮންމެ ގޮތަކަށް ނަމަވެސް އަހަރެމެންނަށް ކިޔެވުނަ ދީ،" އޭނާ ބުންޏެވެ.
އަންހެން ކުދިން ޔުނިވާސިޓީން ބޭރުކޮށްލުމަކީ ފިރިހެން ދަރިވަރުންނަށް ވެސް ތަހައްމަލުކުރަން ދަތި ހިތާމައަކަށް ވަނީ ވެފަ އެވެ.
"އަހަރެމެންނަށް ވަނީ ވަރަށް އަސަރު ކޮށްފައި. ހީވަނީ ޔުނިވާސިޓީގައި މީހަކު މަރުވެގެން އުޅޭހެން. ވެގެން އުޅޭގޮތް އަހަރެމެންނަށް އެނގޭ އެކަމަމަކު އެވާހަކަ ދައްކާކަށް ނުކެރޭނެ. އަހަންނަށް ހީވަނީ ކިރިޔާ ވެސް އެއްޗެއް ބުނެލާ އިރަށް ތާލިބާނުން އަހަރެން ހައްޔަރު ކޮށްފާނެހެން،" އެ ކުއްޖާ ބުންޏެވެ. "ހަމަ އެކަނި ފިރިހެނުންނަކަށް ގައުމެއް ބިނާ ނުކުރެވޭނެ." ޕަރުވާން ޕްރޮވިންސްގައި ކިޔަވަމުންދާ ޒުވާން ފިރިހެން ކުއްޖަކު ބުންޏެވެ. "އަހަރެމެންނާ އެކު ކޮނޑާ ކޮނޑު ޖައްސައިގެން މަސައްކަތް ކުރާނެ އަންހެނުން ބޭނުންވޭ."
އޭނާ އިތުރަށް ބުނި ގޮތުގައި ކިޔެވުން މަނާވެފައި ވަނީ ހަމަ އެކަނި އަންހެން ކުދިންނަށް ކަމުގައި ވިޔަސް ފިރިހެން ކުދިންނަށް ވެސް ހުރަސްތަކެއް ހުރިކަމުގައި އިހުސާސް ކުރެވެ އެވެ.
އާ އަހަރަށް ޔުނިވާސިޓީ ހުޅުވުމާއެކު ކޮންމެ ވެސް ވަރަކަށް މުޒާހަރާކުރި ކަމުގައި ވިޔަސް ތާލިބާނުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ކާބުލް ޔުނިވަސިޓީގެ ދޮރުމަތީގައި އިށީދެގެން ފޮތްކިޔަން ތިބި އަންހެން ކުދިންތަކެއް ވަނީ ޔުނިވާސިޓީ ބޮއިކޮޓުކުރުމަށް ފިރިހެން ކުދިންނަށް ގޮވައިލައިފަ އެވެ.
"ބޮއިކޮޓް ކުރުމަކީ ހައްލެއް ކަމުގައެއް ނުފެނޭ،" ޔުނިވާސިޓިގެ ދެވަނަ އަހަރުގެ ފިރިހެން ދަރިވަރަކު ބުންޏެވެ. "ސަބަބަކީ ތާލިބާނުން އެކަމާ އަޅާ ނުލާނެތީ." އެކަމަކު އޭނާ ތާލިބާނުންނަށް ސުވާލެއް ކުރިމަތި ކުރުވި އެވެ. "އަންހެނުން ކިޔެވުމާ ދެކޮޅު އެންމެ އާޔަތެއް ވެސް ގުރުއާނުން ދައްކަ ބަލަ" ތާލިބާނުންނަށް ޗެލެންޖު ކުރަމުން އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެފަދަ އާޔަތެއް ޤުރުއާނުގައި ނެތްނަމަ އަންހެން ކުދިންނަށް ތައުލީމު ހާސިލްވިޔަ ދޭން ޖެހޭނެ އެވެ. ސަބަބަކީ ފިރިހެނުންނަށް އެކަނި ގައުމު ބިނާ ނުކުރެވޭނެތީ އެވެ.
އަފުޣާނިސްތާނުގެ ބައެއް އަންހެން ކުދިން އުންމީދު ކުރަނީ މާޗް 23 ގައި ރަސްމީ ގޮތުން ތައުލީމީ އާ އަހަރު ފެށޭއިރު އެ މީހުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ، ނަމަވެސް އެއީ ގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި ވެވޭ ބިލާހެއް ފަދަ އުންމީދެކެވެ. ތާލިބާނުންގެ އަމަލުތައް ހުރިގޮތަށް ބަލާއިރު އަފްޣާނިސްތާނުގެ އަންހެން ކުދިން ކިޔެވުމަށް ކުރާ އުންމީދު ހަގީގަތަކަށް ވުން ދުރެވެ. -- ބީބީސީ