ރާއްޖެއަށް އަންނަ ފަތުރުވެރިން ފަސް ދުވަހަށް ފަހު ރާއްޖޭގައި ތިބެން ފޫހިވާނެ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފި އެވެ.

ޖަރުމަނުގެ ބާލިންގައި އޮތް އައިޓީބީ ފެއާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ ބީޗުތައް ފެނި ފަސް ދުވަސްވުމުން ރާއްޖެ މަތިން ފޫހިވާނެ ކަމަށެވެ. އަދި ފަތުރުވެރިން ތިބެން ޖެހޭނީ އެއް ތަނެއްގައި ބަންދުވެފައި ކަމަށް ވިދާޅުވެ، ހުރިހާ ފަތުރުވެރިން ލަންކާ އަށް އައުމަށް ފެނާންޑޯ ގޮވާލި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހަމައެކަނި އޮންނަނީ ބީޗް ކަމަށާއި އެއް ރަށެއްގައި އެއް ތަނެއްގައި ތިބެން ޖެހޭނީ ބަންދުވެފައި ކަމަށެވެ. އެކަމަކު ސްރީލަންކާގައި ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން އެ ގައުމުގެ މީހުން ވެސް އަންނަނީ އެ ވާހަކަތަކަށް ފާޑުކިޔަމުންނެވެ. އަދި އެ ވާހަކަތަކަކީ މިނިސްޓަރަކަށް ހުރެ އެއްގައުމުން އަނެއް ގައުމާމެދު ދައްކަން ޖެހޭ ވަރުގެ ވާހަކަތަކެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ލަންކާގެ ޓުއަރިޒަމް މިނިސްޓަރުގެ އެ ވާހަކައިން ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ރާއްޖެއަށް އަބަދުވެސް ފޫހި ކަމެއް ނެތި ފަތުރުވެރިން އަންނާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޖަރުމަނުގެ ބާލިންގައި ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގެން އެބޭފުޅާ ވިދާޅުވީ ބާލިންގައި އޮތް އައިޓީބީ ފެއާގައި ރާއްޖެއާ ގުޅޭގޮތުން ދެއްކި ވާހަކަތައް މީޑިއާ ތަކުގައި ދައްކާފައި އެވަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ.

ދިވެހިރާއްޖެއާ އަދި އަވައްޓެރި ގައުމުތަކާއި އެކުވެސް ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރަނީ އެކުގައި ކަމަށް ހަރިން ވިދާޅުވި އެވެ.

އަދި ބާލިންގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ހަރިން ފެނާންޑޯ ވިދާޅުވި އެވެ.