ލަންޑަން (30 ޑިސެމްބަރު) - ކޮވިޑާ ދެކޮޅަށް ބޭނުންކުރަން އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީއާއި އަސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން ބޭނުންކުރަން އެ ގައުމުން މިއަދު ހުއްދަ ދީފި އެވެ.

މިއީ ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންގެ ތެރެއިން މިހާތަނަށް ހުއްދަ ދިން ތިންވަނަ ވެކްސިނެވެ. މީގެ އިތުރުން އިނގިރޭސިވިލާތަކީ އެމެރިކާގެ ފައިޒާ އަދި ބަޔޯ އެންޓެކް އިން އުފެއްދި ވެކްސިން ބޭނުންކުރަން ވެސް އެންމެ ފުރަތަމަ ހުއްދަ ދިން ގައުމެވެ.

އާ ވޭރިއަންޓަކާއެކު ބަލި ފެތުރުން އިނގިރޭސިވިލާތުގައި އިންތިހާއަށް އިތުރުވަމުންދަނިކޮށް އޮކްސްފޯޑް ވެކްސިނަށް ހުއްދަ ދިނުމަކީ މިބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައަށް ލިބޭ ކުރިއެރުމަކަށްވާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

އަސްޓްރާޒެނެކާ ވެކްސިނަކީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އުފުލަން އެންމެ ފަސޭހަ އަދި އަގު ވެސް ހެޔޮ ވެކްސިނެވެ. މި ވެކްސިން އާދައިގެ ރެފްރިޖެރޭޓަރުގައި ވެސް ރައްކާކޮށްގެން ގެންގުޅެވެ އެވެ.

އަސްޓްރާޒެނެކާ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތަކުގެ ނަތީޖާ އިން 70.4 ޕަސެންޓް ކާމިޔާބު ކަމަށް މިދިޔަ މަހު ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ މެޑިސިންސް އެންޑް ހެލްތް ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއެމްއާރު) އިން ވަނީ އެ ވެކްސިނަށް ހުއްދަ މިއަދު ދީފަ އެވެ.

އަސްޓްރާޒެނެކާއިން ބުނިގޮތުގައި ކްލިނިކަލް ޓެސްޓްތަކުން ފައިޒާ އިން އުފެއްދި ވެކްސިންއާ އެއްވަރަށް މި ވެކްސިން ވެސް ކޮވިޑް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވި ގޮތުގައި އޮކްސްފޯޑް ވެކްސިން ޖެނުއަރީ ހަތަރެއްގައި އެގައުގެ ރައްޔަތުންނަށް ދޭން ފެށޭނެ އެވެ. އަދި ވެކްސިން ދެވެން ފެށުމާއެކު އެގައުމުން ކޮވިޑް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުން ލިބި ޕެންޑެމިކުން ސަލާމަތްވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ރިކޯޑް ތަކުން ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އެގައުމުގައި ވަނީ 53135 ކޮވިޑް ކޭސް ރިކޯޑް ކުރެވިފަ އެވެ. އަދި ފާއިތުވެދިޔަ 28 ދުވަސް ތެރޭގައި 414 މީހުން ވަނީ މަރުވެފަ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ތަހްލީލްތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 14 ދުވަހުގެ ތެރޭގައި ބަލިން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި "ޓީ ސެލް" ކިޔާ މާއްދާއެއް އުފެދެ އެވެ. އަދި ދެވަނަ ޑޯޒް ދޭތާ 28 ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްދެ އެވެ. ވެކްސިންގެ ދެވަނަ ޑޯޒެއް ދީފިނަމަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ހަށިގަނޑު ތައްޔާރު ކޮށްދެ އެވެ.