ފިޔަގަނޑަށް އަނިޔާވެފައިވާ ކުރަނގިއެއް ވަގުތީގޮތުން ބަލަހައްޓަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާއްމު ފަރާތަކާ ހަވާލުކޮށްފި އެވެ.

އެ ކުރަނގި ބަލަހައްޓަން ހަވާލުކުރީ ގއ. ގެމަނަފުށި، މުޝްތަރީގެ، އަހުމަދު އައްޒާމް ނާފިޒާ އެވެ.

އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި އައްޒާމަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީއެއްގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ބާވަތެއް ކަމުގައިވާ ކުރަނގިއެއް، އަނިޔާވެ ފިޔަގަނޑު ބިނދިފައިވަނިކޮށް ސަލާމަތްކޮށް، ދޫނި ރިހެބިލިޓޭޓް ކުރުމަށް އެފަރާތުން ވޮލަންޓިއާ ކޮށްފައިވާތީ ދޫނި އަމިއްލައަށް އުޅުމުގެ ގާބިލްކަން ލިބެންދެން ދޫނި ބަލަހައްޓާ ގެންގުޅުމުގެ ވަގުތީ ހުއްދަ އެފަރާތަށް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި ދޫނީގެ ހާލު ރަނގަޅުވެ، އެކަނި އުޅެވޭވަރު ވުމުން ވެޓެރިނަރީ ޑޮކްޓަރުގެ ލަފައާއެކު އެދޫނީގެ ގުދުރަތީ މާޙައުލަށް ދޫކޮށްލުމަށް އަންގާފައިވެ އެވެ.. އަދި އެކަން އެގޮތަށް ކުރުމަށްފަހު އެ އެޖެންސީއަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

ކުރަނގިއަކީ ރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫންޏެކެވެ. ޙިމާޔަތްކޮށްފައިވާ ދޫންޏެއް ހިފާ އެފަދަ އަމަލެއް ހިންގުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ވެސް ކުރެ އެވެ.

ރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ލިސްޓު ދިގުނަމަވެސް މިފަދަ ދޫނިތަކަށް ފަރުވާދޭ ވެޓް ކްލިނިކެއް ރާއްޖެއަކު ނުހުރެ އެވެ. ނަމަވެސް ރާއްޖޭގައި ދޫނީގެ ވިޔަފާރިކުރާ ބައެއް ފިހާރަތަކުން ދޫނިތަކަށް ދިމާވާ ބައެއްކަހަލަ މައްސަލަތަކަށް ފަރުވާދެ އެވެ.

ވިލިމާލޭގައި ވެޓް ކްލިނިކެއް ދާދި ފަހުން ޤާއިމްކުރިނަމަވެސް އެކަށީގެންވާ ގޮތެއްގައި އެ ކްލިނިކްގެ ޚިދްމަތް ލިބެމުންނުދާކަން ފާހަގަކުރެވެ އެވެ.