ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިމައްސަލަ ހުށައެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.
ސެމްބެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ އިދިކޮޅު ޕާޓީގެ އިހްތިޖާޖު ހިނގަމުން ދަނިކޮށް އިހްތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހުރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރު ކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެފައިވާކަމަށާއި ރައީސަކު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދާ ތަނަކަށް ވަދެގެން ދިއުމަކީ ނޭނގި ކުރެވޭނެކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އަދި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިނގާފައިވާ އަމަލެއް ކަމަށް ގަބޫލު ކުރެވޭކަމަށާއި ރައީސުލްމްޖުމުހުރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޖެހެނީ އެމްއެންޑީއެފުންކަމަށް ވާއިރު އެކަން ހިނގާ ދިއުމުގެ ޒިންމާ ސީދާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ނަންނަގަވަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަމުގެ ޒިންމާ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމަށްޓަކައި ރައީސްއެއްގެ ސަލާމަތާއި ކަންކަން ކޮމްޕްރޮމައިޒް ކުރުމަކީ ކުރަން ހެޔޮ ނުވާނެ ކަމެއް.މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަންވެސް ދޯދިޔާވެ ނުބެލެހެއްޓި އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާވަރުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މާގާމުން ވަކިކުރަން ޖެހޭވަރުގެ ސީރިއަސް ކަމެއް،" ސެމްބެ ހުށައެޅުއްވި މައްސަލައިގައިވެ އެވެ.
އެހެންކަމުން މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރުގެ މަގާމުން މާރިޔާ އަހިމަދު ދީދީ ވަކިކުރުމަށާއި ގަސްތުގައި ރައީސުލްޖުމުހުރިއްޔާ ދަތުރުކުރެއްވި ކޮޓީކޭޑްގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލަ ތަހުގީގުކުރުމަށް ސެމްބެ ވަނީ ގޮވާލައްވާފަ އެވެ.
ކުއްލި މައްސަލަ އާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.