މީހަކަށް ގިނަވެގެން ސިމް ނެގޭނެ މިންވަރު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް މެއި މަހު ފަށާނެކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ސްކޭމް ކޯލްތައް އިތުރުވާ މައްސަލަތައް މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުން ގެންދާއިރު، އެ މަސައްކަތާއި ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވަނީ އެކަކަށް ނެގޭނެ ސިމް ކާޑުގެ މިންވަރު ކަނޑައެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި މަސައްކަތް އެންމެ ލަސްވެގެން މެއި މަހު ފެށޭނެކަމަށެވެ.

އޭގެ އިތުރުން، އެކެއްގެ ނަމުގައި ސިމްތައް ނަގާފައިވާކަމަށްވާނަމަ، އެ ސިމްތައް ވެރިފައިކުރާނެ ކަމަށާއި، އެފަރާތެއްގެ އަސްލު ބެލުމަށްފަހު ނަމްބަރުތައް ކެނޑުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަށް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި މި މަސައްކަތަށް ހޭދަވާނެކަމަށް ބެލެވެނީ ތިން މަސް ދުވަހެވެ.

ސްކޭމްތައް އިތުރުވާ މައްސަލަތައް އިތުރުވަމުންދާއިރު، އެކެއްގެ ނަމުގައި ގިނަ އަދަދެއްގެ ސިމް ހުރުމަކީ މިކަމަށް އެހީވެދޭ އެއް މައްސަލަކަމަށް އެސްއޯއީ ކޮމިޓީއަށް ފުލުހުން ހުށަހެޅި ރިޕޯޓުގައި ވެސް، ބުނެފައިވެ އެވެ.