ރާއްޖޭގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީން ކަމަށާ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

8 އަހަރަށް ފަހު ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާތައް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ޖުމްލަ މީހުންގެ އާބާދީއަކީ 515،122 އެވެ. މީގެ ތެރެއިން ދިވެހިންގެ އަދަދަކީ 382،751 އެވެ. އަދި ބިދޭސީންގެ އަދަދަކީ 132،371 އެވެ.

ބޯހިމެނުން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ އާބާދީގެ 26 އިންސައްތަ އަކީ ބިދޭސީންނެވެ. އެވްރެޖްކޮށް ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގައި އުޅެނީ އާބާދީގެ 41 ޕަސެންޓް މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅެނީ 46 ޕަސެންޓް މީހުންނެވެ. ރިސޯޓްތަކުގައި އުޅޭ އާބަދީއަކީ ޖުމްލަ އާބާދީގެ 10 ޕަސެންޓް އެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި އާބާދީގެ 3 ޕަސެންޓް މީހުން ދިރިއުޅެމުން ގެންދެއެވެ.

މާލެގެ އާބާދީ އަކީ މުޅި ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް އެވެ. އެއީ 212،138 މީހުން ދިރިއުޅެނީ މާލޭގަ އެވެ.

މާލެ ފިޔަވާ އަތޮޅުތަކުން އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގަ އެވެ. އައްޑޫގައި ސިޓީގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 5 އިންސައްތަ ނުވަތަ 25،053 މީހުން ދިރިއުޅެ އެވެ. 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތީ ހދ. އަތޮޅުގަ އެެވެ. ހދ. އަތޮޅުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 4 ޕަސެންޓް ނުވަތަ 22،534 މީހުން ދިރިއުޅެ އެވެ.

ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 14 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް ވަނީ 26 ޕަސެންޓަށް ދަށްވެފަ އެވެ. އަދި 2014 އިން 2022 ވަނަ އަހަރާ ދެމެދު އުމުރުން 15 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ އަދަދު ވަނީ 69 ޕަސެންޓް އިތުރުވެފައެވެ. މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންގެ އާބާދީ އަކީ 5 ޕަސެންޓް އެވެ.

ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މަޢުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އިތުރު ރަށްތަކުގެ ބޯހިމެނުމުގެ ނަތީޖާތައް ހާމަކުރާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެ އެވެ.