ޕްރިޔަންކާ ޗޯޕްރާއާއި ފިރިމީހާ ނިކް ޖޯނަސްގެ ދަރިފުޅު އުފަންވި ފަހުން ފުރަތަމަ ފަހަރަށް ދަރިފުޅު ގޮވައިގެން އެ ދެމަފިރިން އިންޑިއާއަށް އަތުވެއްޖެ އެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ޕްރިޔަންކާގެ އާއިލާ މުމްބާއީއަށް އައިއިރު އޭނާ ވަނީ މީޑިއާއަށް ދަރިފުޅުގެ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފަ އެވެ.

މިއީ 2022 ވަނަ އަހަރު ޖެނުއަރީ މަހު ސަރޮގަސީ މެދުވެރިކޮށް އެ ދެމަފިިރިން ދަރިއަކު ހޯދި ފަހުން އިންޑިއާއަށް އައި ފުުރަތަމަ ދަތުރެވެ. އަދި މިއީ މަލްތީ މޭރީ ޗޯޕްރާ ޖޯނަސް އޭނާގެ މަންމަގެ ގައުމަށް އައި ފުރަތަމަ ފަހަރު ވެސްމެ އެވެ.

ޕްރިޔަންކާގެ ކޮއްކޮ ޕަރިނީތީ ޗޯޕްރާ މަޖިލީސް މެމްބަރަކާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު ޕްރިޔަންކާ ކުއްލިއަކަށް އިންޑިއާއަށް އެ އައީ އެހެންވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ޕްރިޔަންކާ އިންޑިއާއަށް އައިސްފައިމިވަނީ ބޮލީވުޑްއާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން ޕްރިޔަންކާ ވަނީ ބޮލީވުޑް ހިނގަނީ ކޮރަޕްޝަނާއެކު ކަމަށާއި ބޮލީވުޑް ދޫކޮށް ދިޔައީ އެހެންވެ ކަމަށް ބުނެފަ އެވެ.

ޕްރިޔަންކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އިނގިރޭސި ސީރީޒް "ސިޓަޑޭލް" ނުކުންނަން ވަނީ ތައްޔާރުވެފަ އެވެ. އެއާއެކު އާލިއާ ބަޓް އަދި ކެޓްރީނާ ކައިފްއާއެކު "ޖީލޭ ޒަރާ"ގެ މަސައްކަތްތައް ފަށަން ވެސް އޭނާ އަންނަނީ ތައްޔާރު ވަމުންނެވެ.