ށ. ނަރުދޫއަށް ވަރަށް ބޮޑަށް އުދައަރާ ބޮޑެތި ގެތަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ނަރުދޫ ކައުންސިލުގެ ކައުންސިލްގެ ރައީސް އަޙްމަދު އާރިފު ވިދާޅުވީ ރޭ ދަންވަރު 1:30ން ފެށިގެން ނަރުދުއަށް އުދައަރާފައިވާ ކަމަށެވެ. އަދި ހެނދުނު ހައެއް ޖަހާކަންހާއިރު އުދައެރުން ހުއްޓާލިއިރު 8 ގެއަކަށް ލޮނުގަނޑު ވަދެ ހަތަރު ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި އުދައެރުން ސިފަ ކުރައްވާ އާރިފް ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ ސިފަކުރެވިގެންދާ ވަރަށް އެރަށަށް އުދައަރާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގޭގެއަށް ލިބިފައިވާ ގެއްލުން ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކައުންސިލްގައި ހުރި ޕަންޕު ބޭނުންކޮށްގެން ލޮނުގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ތައްޔާރުވެވޭ އެންމެ ރަނގަޅަށް މިތިބީ ތައްޔާރުވެގެން. އެހެންނަމަވެސް އެހެންފަރާތަކުން އަދި މާބޮޑު އެހީތެރިކަމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ރޭ ނަރުދުއަށް އުދައެރީ އެ ރަށުގެ އިތުރު އުތުރު ސަރަހައްދުން ކަމަށާއި ރަށުގެ 600 ފޫޓު އެތެރެއަށް ރާޅު އަރާފައިވާ ކަމުގައި އެ ރަށު ކައުންސިލުން ބުންޏެވެ.
ގޭގެއަށް ފެން ވަނުން މަނާކުރުމުގެ ގޮތުން ގޭގެ ކުރިމަތީގައި ވެލި ބަސްތާތައް ޖަހަމުންދާ ކަމަށާއި ދަނޑުބިންތަކަށް ވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އާރިފް ވިދާޅުވީ ކުރިއަށް ހުރި ގަޑިތަކުގައި ވެސް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އުތުރާ މެދުރާއްޖެތެރޭގެ ރަށްރަށަށް އުދައަރާނެ ކަމަށް ލަފާކޮށް އެކަން ސަމާލުކަމަށް ގެންނަވާފަ އެވެ. އެގޮތުން ށ. އަތޮޅުން ވ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެ އެވެ. އަދި ގަޑިއަކު 19މޭލާ 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.