ބޮލީވުޑްގައި އެތައް އަހަރުތަކެއް ވަންދެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ އަނިލް ކަޕޫރަކީ ޝައްކެއް ވެސް ނެތް ގޮތުގައި އޭނާގެ އުމުރާ އަޅާބަލާއިރު ސިއްހަތު ރަނގަޅު ތަރި އެކެވެ. ހާއްސަކޮށް ޖިސްމާނީ ސިއްހަތު އެހާ ރަނގަޅުކޮށް ބެހެއްޓެނީ ކަސްރަތުގެ އެހީގައި ކަމަށް އަނިލް އެތައް ފަހަރަކު ވަނީ ބުނެފަ އެވެ.

ރިތިކް ރޯޝަންއާއި ދީޕިކާ ޕަދުކޯންއާއެކު "ފައިޓާ"ގެ މަސައްކަތްތައް ކުރަމުން އަންނަ އަނިލް އަނެއްކާ ވެސް މިވަނީ އޭނާގެ ކަސްރަތު ސެޝަންގެ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

މިފަހަރު އާއްމުކުރި ވީޑިއޯގައި އަނިލް ފެންނަނީ އޮކްސިޖަން މާސްކެއްގެ އެހީއާއެކު ޓްރެޑްމިލްއެއްގައި ދުވާ މަންޒަރެވެ. ބަލާ ބެލުމަށް އެއީ ކަސްރަތުގެ ތެރެއިން ނޭވާ ކުރުވާތީ ކުރާ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

މި ވީޑިއޯއާއެކު އާއްމުންގެ ގިނަ ހިޔާލުތަކާއި ނަސޭހަތްތައް ވެސް އަނިލްއަށް އަންނަނީ ލިބެމުންނެވެ. އެއްބަޔަކު އޭނާގެ އުމުރުގައި އެހާ ރަނގަޅު ދިރިއުޅުމެއް އުޅޭތީ ތައުރީފް ކުރާއިރު އަނެއް ބަޔަކު ވަނީ އޭނާއަށް ނުވާ ވަރުން އުޅުމަކީ ސިއްހަތަށް ފަހުން ގެއްލުންވާނެ ކަމެއް ކަމަށް ބުނެފަ އެވެ.

އާއްމުންގެ އިތުރުން ގިނަ ފިލްމީ ތަރިންވެސް އަންނަނީ އަނިލްގެ ހިތްވަރު ފާހަގަކޮށް އެގޮތުގައި ކުރިއަށް ދިއުމަށް އޭނާއަށް ސާބަސް ދެމުންނެވެ.

މިހާރު އުމުރުން 66 އަހަރުގެ އަނިލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޖުގް ޖުގް ޖީޔޯ" އިންނެވެ.