އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައަށް ތާޖު އެރުވުމުގެ ތާރީޚީ ރަސްމިއްޔާތަށް ޕްރިންސް ހެރީ، އަނބިކަނބަލުން މޭގަން މާކަލް ނުލައި ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އަންނަ މެއިމަހު ބާއްވަން ހަމަޖެހިފައިވާ ތާޖު އެރުވުމުގެ ރަސްމިއްޔާތަށް ޕްރިންސް ހެރީގެ ދެކަނބަލުން ވަޑައިގަންނަވާނެތޯ ސުވާލު އުފެދިފައި ވަނިކޮށް އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުންނަމަ ރަސްމިއްޔާތަށް ހެރީ ވަޑައިގަންނަވާނީ ގިނިކަންޏާ އެވެ.
މި ރަސްމިއްޔާތަށް ހެރީ ވަޑައިގެންފިނަމަ އެ ވެގެންދާނީ ޝާހީ އާއިލާގެ ގިނަ ސިއްރުތަކެއް ހާމަކޮށް ހެރީ ނެރުއްވި މެމޮއާގެ ފަހުން އޭނާ އާއިލާއާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށެވެ.
ޕްރިންސް ހެރީގެ އެ ފޮތުގައި ޝާހީ އާއިލާގެ މެމްބަރުންނާއެކު އެދެކަނބަލުންގެ ގުޅުމުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެ އެވެ. އެގޮތުން ޝާހީ އާއިލާއާއި މޭގަންއާ ދެމެދު ޖެހުނު މައްސަލައަށް ވެސް އަލިއަޅުވާލާފައިވެ އެވެ.
ޕްރިންސް ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާއާ ދެމެދު އޮތް ނުތަނަވަސްކަން ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ކުރިއަށްވުރެ ވެސް އިތުރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ތާޖު އެރުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މެއި މަހުގެ ހަވަނަ ދުވަހު ވެސްޓް މިނިސްޓާ އެބީގަ އެވެ. މި ރަސްމިއްޔާތުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.