މިދިޔަ އަހަރު ދައުލަތުގެ އެކި މުއައްސަސާތަކަށް 841 ގާނޫނީ ލަފާ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ އެކި މުއައްސަސާތަކުން 842 ކަމަކަށް ގާނޫނީ ލަފާ ދިނުމަށް އެ އޮފީހުގައި އެދިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ކަމަކަށް ފިޔަވައި ހުރިހާ ކަމަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ލަފާ ދިން ކަންތައްތަކުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން 267 ގާނޫނީ ލަފާ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 34 ގާނޫނީ ލަފަ އާއި ގަވާއިދުތަކާ ގުޅޭ ގޮތުން 102 ގާނޫނީ ލަފާ ދީފައިވެ އެވެ. އުސޫލުތަކާ ގުޅޭ ގޮތުން 40 ގާނޫނީ ލަފައެއް ދީފައިވާއިރު މުއާހަދާތަކާ ގުޅޭ ގޮތުން ހަތް ގާނޫނީ ލަފާ ދީފައިވެ އެވެ. އެހެނިހެން ކަންކަމުގައި 391 ގާނޫނީ ލަފާ ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މިދިޔަ އަހަރު 841 ގާނޫނީ ލަފާ ދައުލަތަށް އެޖީން ދީފައިވާއިރު، ފުރަތަމަ ހަ މަސް ދުވަހު 427 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށެވެ. ފަހު ހަ މަސް ދުވަހު 414 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މިދިޔަ އަހަރު 841 ގާނޫނީ ލަފާ ދައުލަތަށް އޭޖީއިން ދީފައިވާއިރު، 2019 ވަނަ އަހަރު އެ އޮފީހުން 1،003 ކަމަކަށް ދައުލަތަށް ގާނޫނީ ލަފާ ދީފައިވެ އެވެ.