ރާއްޖޭގައި އެކި ހިސާބުތަކުގައި މަސައްކަތް ކުރިއަށްދާ ވަރުން މިހާރު ހުރީ އޯވަލޯޑުވާ ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް މަޝްރޫއުތައް ލަސްވާ ސަބަބާ ގުޅޭގޮތުން ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަޝްރޫއުތައް ލަސްވާ ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ.

މަޝްރުއުތައް ލަސްވާ އެއް ސަބަބަކީ އެކަންކަން ކުރަންޖެހޭނެ ގޮތުގެ ގަވާއިދުތަކަށް އަމަލުކުރާއިރު އެ ނަގާ މުއްދަތު ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓެންޑާ ޕްރޮސެސްއާ ކޮންސަލްޓޭޓިވް ޕްރޮސެސްގެ އިތުރުން އީއައިއޭ ހެދުން ފަދަ ކަންކަން ހިމެނޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މަރުހަލާތަކަށް އަމަލުކުރާއިރު މަސައްކަތަށް ލަސްތަކެއް އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަނެއް ކަމަކީ މަސައްކަތް ކުރުމުގެ ކެޕޭސިޓީ. އެމްޓީސީސީ ވިޔަސް އަދި އެހެން ކުންފުންޏެއް ވިޔަސް މިހާރު ރާއްޖޭގައި މަސައްކަތްތައް ހިނގަމުންދާ ގޮތުން މިތިބީ އޯވަލޯޑްވާ ހިސާބުގައި،" އަސްލަމް ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުންނަށް އޮބި ނޯންނަ ވަރަށް މަސައްކަތްތައް އެބަހުރި ކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެކަމުގެ ސަބަބުން ހަވާލު ކުރެވޭ މުއްދަތުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާ ކުރި ނަމަވެސް އެކަން އެހެން ނުވާ ކަމަށެވެ.