އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ގެއަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ މާލީ ރައްކާތެރިކަމަކީ ފަޔާ އިންޝުއަރަންސެވެ. މީގެ އިތުރުން އެހެނިހެން ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ފަޔާ ޕޮލިސީއެއްގެ ދަށުން ރައްކާތެރިކަން ލިބޭނެ އެވެ. އިންޝުއަރަންސްގެ މާހިރުން ބުނާ ގޮތުގައި މިފަދަ ޕޮލިސީއެއް ނަގާއިރު އެންމެ ފައިދާކުރަނިވި ގޮތް ބެލުން ވަރަށް މުހިންމެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ 3 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 670 އަލިފާނުގެ ހާދިސާ ހިނގާފައިވެ އެވެ. މީގެ ތެރެއިން ގޭބިސީތަކުގައި އެންމެ ގިނައީ ކައްކާ އުނދުން ނިވާލަން ހަނދާން ނެތުން ފަދަ ކަންކަން ހިމެނޭހެން، ބަދިގެ ތެރޭގައި ހިނގާ ހާދިސާތަކެވެ. މީގެ އިތުރުން ނުބައިކޮށް ކަރަންޓު ވަޔަރުކުރެވިފައި ހުރުމާއި ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ނޭޅުމާއި ބެލްކަނީ ނުވަތަ ކުޑަދޮރުން ބޭރަށް ސިނގިރޭޓު ބަޓު އުކާލުން ފަދަ ކަންކަމުން ވެސް އަލިފާނުގެ ހާދިސާ ހިނގާފައި ހުރެ އެވެ.

ފަޔާ އެންޑް ރެސްކިއު ހިދުމަތްތަކުން ބުނާ ގޮތުގައި، އަލިފާނުގެ ހާދިސާތަކަށް އިޖާބަދޭނެ ގޮތް އެނގޭ މީހުން އަހަރެމެންގެ ތެރޭގައި މަދެވެ. މިސާލަކަށް، ކައްކާ ތެލި ފަދަ ތަކެތީގައި އަލިފާން ހިފުމުން ފެން ޖެހުން ފަދަ ކަންކަން ކުރެވެ އެވެ. މީގެ ބަދަލުގައި ތެލީގެ މަތި ޖަހާލުމުން އަލިފާންގަނޑު މައިތިރިވާނެ އެވެ. އެފަދަ ހާލަތެއްގައި ކުރެވިދާނެ އެހެން ކަމަކީ ފަޔާ އެކްސްޓިންގުއިޝާއެއް ބޭނުންކުރުމެވެ. އެހެންކަމުން އަލިފާން ނިއްވަން ގެންގުޅޭ މިފަދަ އާލާތްތައް ބަދިގެ ފަދަ އަލިފާން ގެންގުޅޭ ތަންތަނުގައި އިންސްޓޯލްކޮށްފައި ބަހައްޓާ އަދި އެތަކެތި ބޭނުންކުރާނެ ގޮތް ދަސްކުރުން ބޭނުންތެރި އެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ހޮޓްލައިން "118" ފެންނަ ތަނެއްގައި ޖަހާފައި ބެހެއްޓުން ވެސް ބުއްދިވެރި އެވެ.

ފަޔާ އިންޝުއަރަންސް މުހިންމީ ކީއްވެ؟

މާލެއަކީ އެއް އިމާރާތާ ޖެހިގެން އަނެއް އިމާރާތް ހަދާފައި ހުންނަ ތޮއްޖެހިފައިވާ ސިޓީއެކެވެ. އެއް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޖެހިގެން ހުންނަ އިމާރާތްތަކަށް ހުޅުގަނޑު އިސާހިތަކު ފެތުރިގަނެ އެތައް ބައެއްގެ ގެދޮރާއި މުދަލަށް ގެއްލުން ލިބިދާނެ އެވެ. 2019 ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ އޭގެ އެއް މިސާލެވެ.

މާލޭގައި ގިނަ ބިންވެރިން ގެދޮރު އިމާރާތްކުރަނީ ބޭންކް ލޯނެއް ނަގައިގެން ނުވަތަ ކޮންސްޓްރަކްޝަން ކުންފުންޏާ އެގްރިމެންޓް ހަދައިގެންނެވެ. ލޯނެއް ނަގާ ނަމަ، އިމާރާތް އިންޝުއާކުރުމަކީ ލާޒިމުކަމެކެވެ. އެކަމަކު ގިނަ ފަހަރަށް އަހަރެމެންނަށް ދެވެނީ އިމާރާތުގެ ފުރިހަމަ އަގު ވެސް ކަވަރު ނުވާ އަދި ބޭސިކް ފަޔާ އިންޝުއަރަންސް ޕޮލިސީއެއް ހިމެނޭ "އަގުހެޔޮ އޮޕްޝަން" އަށެވެ. އަދި އިމާރާތަށް ނެގި ލޯނު އަނބުރާ ދެއްކުމަށް ފަހު ގިނަ ފަހަރަށް އިންޝުއަރަންސް ޕޮލިސީ ރިނިއު ކުރުމާއިގެން ވެސް ނޫޅެވެ އެވެ. މި ހާލަތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ގެދޮރާއި މުދާ އެއްކޮށް އަނދާ ހުލިވުމުން ވެސް އެ ގެއްލުމުގެ މާލީ ބަދަލު ލިބޭނެ ގޮތެއް ނޯންނާނެ އެވެ.

ބައެއް ފަހަރު އަލިފާނުގެ ހާދިސާއެއްގައި ހުޅުގަނޑު ނުފެތުރުނު ނަމަވެސް، ދުމާއި ހޫނުގެ ސަބަބުން ވެސް އިމާރާތަށް ގެއްލުން ލިބިދާނެ އެވެ. ރަނގަޅު ފަޔާ އިންޝުއަރަންސް ޕޮލިސީއަކުން މިފަދަ ގެއްލުންތަކުގެ ބަދަލު ލިބޭނެ އެވެ. އެހެންކަމުން ފަޔާ ޕޮލިސީ ރިނިއުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފަޔާ ޕޮލިސީން ލިބޭ ފައިދާއަކީ ކޮބާ؟

ނަމުގައި ހަމައެކަނި "ފަޔާ" އައި ނަމަވެސް މި ޕޮލިސީއަކީ އަލިފާނުގެ އިތުރުން ހޮނު އެޅުމާއި އެއްޗެއް ގޮވުން ފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ބަދަލު ލިއްބައިދޭ ޕޮލިސީއެކެވެ. މީގެ އިތުރުން މުޒާހަރާއެއްގެ ސަބަބުން ނުވަތަ ގަސްތުގައި ބަޔަކު ދޭ ގެއްލުމަކުން ލިބޭ ގެއްލުންތައް ވެސް ކަވަރުކޮށްދެ އެވެ. ބާރު ސްޕީޑުގައި އުޅަނދު ދުއްވުމުގެ ސަބަބުން އެކްސިޑެންޓު ހިނގުން އާންމު މާލެ ސިޓީގައި، ވެހިކަލްތަކުން ޖެހިގެން ވެސް އިމާރާތްތަކަށް ގެއްލުން ލިބިފައި އެބަ ހުއްޓެވެ. އެލައިޑް އިންޝުއަރަންސްގެ ފަޔާ އިންޝުއަރަންސް ޕޮލިސީއިން މިފަދަ ގެއްލުންތަކުގެ ބަދަލު ވެސް ލިބޭނެ އެވެ.

https://www.youtube.com/watch?v=9_HsOLxouoo

މީގެ އިތުރުން ތޫފާންތަކާއި ފެންބޮޑުވުމާއި އަދި ވައްކަން ކޮށްގެން އިމާރާތަށް ލިބޭ ގެއްލުމާއި އިމާރާތުގެ ފެންވައިރުކޮށްފައި ހުންނަ ހޮޅި ފަޅައިގެންގޮސްގެން އިމާރާތަށް ލިބޭ ގެއްލުންތަކުގެ ބަދަލު ވެސް މި ޕޮލިސީން ލިބޭނެ އެވެ.

ކުލި ލިބުން ހުއްޓުނީތަ؟ ހާސްނުވޭ!

އިމާރާތްތަކުގައި ދިރިއުޅޭ ފަރާތަށް ދައްކާ ކުލީގެ އާމްދަނީއަށް ބަރޯސާވާ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ބިރަކީ އިމާރާތަށް ގެއްލުމެއް ލިބި އާމްދަނީއަށް އަސަރުކުރުމެވެ. އިމާރާތުގެ ވެރިޔާއަށް އެންމެ އެކަށޭނަ ފަޔާ ޕޮލިސީއެއް ނަގައިފި ނަމަ، މިފަދަ ހާދިސާއެއް ހިނގައި އާމްދަނީއަށް އަސަރުކޮށްފިނަމަ އެކަމުގެ ބަދަލު ވެސް ލިބޭނެ އެވެ. ގެއްލޭ ކުލި އިންޝުއަރަންސް ކުންފުނިން ހަމަޖައްސައިދީ އަދި ބޯހިޔާވަހިކަން ގެއްލޭ ޓެނަންޓުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދޭނެ އެވެ. ފަޔާ ޕޮލިސީ ނަގާއިރު، މި ދެ ކަންތައް ޕޮލިސީއަށް އިތުރުކޮށްލުމުން އެކަން ހަމަޖެހުނީ އެވެ.

ކުއްޔަށް އުޅޭ ފަރާތްތަކުގެ މުދަލޯ؟

މިފަދަ ހާދިސާއެއް ހިނގައިގެން އިމާރާތުގައި ދިރިއުޅޭ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ގޮތެއް ވެސް އޮވެ އެވެ. އިމާރާތުގެ ވެރިފަރާތުން ނަގާ އިންޝުއަރަންސް ޕޮލިސީއަކުން އެފަރާތްތަކުގެ އަގުބޮޑު މުދާ ކަވަރެއް ނުވާނެ އެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ އިންޝުއަރަންސް މާކެޓުގައި ވަކިން ގަނެލެވޭ އިސްލާމިކް އިންޝުއަރަންސް ޕޮލިސީއަކުން ދިރިއުޅޭ ޔުނިޓުގައި ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު އިންޝުއާ ކުރެވޭނެ އެވެ. ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެއް ނަގައިގެން އަހަރަކު އެންމެ 200 ރުފިޔާ ދައްކައިގެން 200,000 ރުފިޔާއާ ހަމައަށް ގޭތެރޭގެ މުދަލަށް ރައްކާތެރިކަން ހޯދޭނެ އެވެ.

މާލެ ފަދަ ބައިބޯ ސިޓީއެއްގައި އެކިއެކި ހާދިސާތައް ކުއްލިއަކަށް ހިނގުމަކީ ނާދިރުކަމެއް ނޫނެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިއާލާ ފިޔަވަޅު އެޅުން ކަން ޔަގީނެވެ. މިފަދަ ރައްކާތެރިކަން ހޯދުމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރަންސްގެ އެކްސްޕާޓުން ތިބީ 24 ގަޑިއިރު ތައްޔާރަށެވެ. އެލައިޑްގެ ހޮޓްލައިން 1600 އަށް ގުޅާލައިގެން ކުރިއަށް ގެންދަވާށެވެ.