ގދ. ހޯޑެއްދު އަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން ފެނަށް ޖެހުމުން އެރަށަށް ފެން ފޯރު ކޮށްދިނުމަށް އެދުނުތާ މަހެއް ފަހުން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 20 ޓަނުގެ ބޯފެން ފޮނުވައިފި އެވެ.

ފެނަކައިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހޯޑެއްދޫގައި ހުންނަ ފެން ރައްކާ ކުރާ ސްޓޯރޭޖަށް ވޯޓާ ސަޕްލައި ފެން ޖަމާކޮށްދީފަ އެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ، ފެނަކަ އިން ފޯރުކޮށްދިނީ ދޮޅު ހަފުތާ އަށް ބޭނުން ކުރެވޭ ފެން ކަމަށެވެ. އެއީ 20 ޓަނުގެ ފެން ކަމަށް ވާރިޝް ވިދާޅުވި އެވެ. އަދިމީގެއިތުރަށް 30 ޓަނުގެ ފެން ބޭނުންވާ ކަމަށް ވާރިޝް ވިދާޅުވި އެވެ.

ވާރިޝް ވިދާޅުވީ 50 ޓަނުގެ ފެން އެރަށަށް ފޯރުކޮށްދިނުމަށް ފެނަކާގައި އެދުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. މިހާރު ލިބިފައިވަނީ 20 ޓަނުގެ ފެން ކަމަށް ވާރިޝް ވިދާޅުވި އެވެ. އަދި ކައުންސިލުން އެދިފައިވާ މިންވަރަށް ފެން ފޯރުކޮށްދޭނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވާރިޝް ވިދާޅުވި އެވެ.

ފެނަކައިން ފޮނުވި 20 ޓަނުގެ ފެން ރަށުގެ އެކި ހިސާބުތަކުގައި ހަރުކޮށްފައި ހުރި އިސްކުރުތަކުން ލިބޭނެ އިންތިޒާމު ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ.