ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި ހުރި ބޯޓުތަކެއް އޮޔާ ގޮސް އެހެން އުޅަނދުތަކަށް ގެއްލުންވާތީ ބޯޓިން އެސޯސިއޭޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

ބޯޓިންގ އެސޯސިއޭޝަނުން ބުނީ އެއްވެސް މީހަކު ނެތް، ބާ މަސްދޯނި ތަކެއް އޮޔާ ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ފަޅުތެރޭގައި އޮޔާ ދާ ބޯޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައިވާ އެހެން އުޅަނދުތަކަށް ވެސް ވަރަށް ނުރައްކާ ވެދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ ބޯޓުތައް އޮޔާދާތީ އެކަން އެޗްޑީސީ އާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ބޯޓުތަކެއްގެ ފައްތިޔާ ކަނޑައިގެން ގޮސް އޮޔާދާތީ ސަމާލުވާން އާބަންކޯއިން ވެސް ވަނީ އަންގާފަ އެވެ. އަދި މިއަދު ހުޅުމާލޭ ފަޅުތެރޭގައި މެރިން ޕޮލިހުން ވެސް ހަރަކާތްތެރިވަމުން ގެންދިޔަ އެވެ.

ހުޅުމާލެ ފަޅުތެރޭގައި ގިނަ އަދަދަކަށް ސަފާރީ ވެސް އަޅާފައި އޮވެ އެވެ.

ފަޅުތެރޭ އޮޔާ ދަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އަތުލާގެންފައިވާ ބޯޓުތަކެވެ. މިގޮތަށް އަތުލެވޭ ބައެއް ބޯޓުތައް މިހާރު ވެސް ހުޅުމާލެ ފަޅުގައި އަޅާފައި އެބަހުއްޓެވެ.

އެ ބާވަތުގެ މަސްވެރިކަމުގައި މަސްވެރިކަމަށް ގެއްލުން ހުރި ގިނަ ކަންކަން ހިމެނޭތީ 2019 ވަނަ އަހަރު ސަރުކާރުން ވަނީ ލޭނު މަސްވެރިކަން މުޅިން މަނާ ކޮށްފަ އެވެ.