ޓެލެގްރާމް ގްރޫޕެއްގައި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް މަރުގެ އިންޒާރުދީފި އެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޮންބައެއްކަން ނޭނގޭ ބަޔަކު ޓެލެގްރާމް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އަލްހާނަށް މަރުގެ އިންޒާރުދީ ފައިސާގެ އިނާމެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އަލްހާން ވަނީ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާންގެ ކިބައިން އެދިފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއްނުވެ އެވެ.

އަލްހާންގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް [ފޮރެކްސް] އިން އަލްހާން ވަނީ ވަރަށް ގިނަ މީހުންގެ އަތުން ފައިސާ ނަގައިގެން، ފޮރެކްސް ސްކީމްތަކެއް ހިންގާފަ އެވެ.

ފުލުހުންއާންމު ކޮށްފައިވާ މައުލޫމާތުތަކުން 1،864 މީހެއްގެ އަތުން އޭނާ 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އަލްހާން ފޮރެކްސް ހުއްޓަލީ މީހުންގެ އަތުން ފައިސާ ނަގަާ އެފައިސާ އަނބުރާ ނުލިބިގެން އޭނާ އަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާތީ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު ކަމުގައި ހުއްޓާ އޭނާ އަށް ފެބްރުއަރީ 2014 ގައި ވަނީ ބަޔަކު ގޮސް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމް ވެސް ކޮށްލައިފަ އެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އޭނާގެ ވާތު ފައިގެ ވާގި ނެތުނެވެ.