ކޮވިޑް- 19ގެ ހާލަތުގައި ވެސް މިދިޔަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މި އަހަރު ފުރަތަމަ މަސައްކަތު ދުވަހު ސްޓެލްކޯގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް ކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު ކުންފުނީގެ މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭކަމަށާއި، ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ ސްޓެލްކޯއަށް މިދިޔަ އަހަރަކީ ކާމިޔާބުގެ އަހަރެއް ކަމަށާއި، ކޮވިޑް-19ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަމަށާއި، އާއިލާ އާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރިވުމުގައި ނަމޫނާ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ ލޮކްޑައުންގައި ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި މުވައްޒަފުންގެ ސަޕޯޓިން މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުން ވެސް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެންއީއޯސީގެ އެކި ހިދުމަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ،" އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދުނުކެނޑި ފޯރުކޮށްދިނުމާއި ވޮލަންޓިއާ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވާހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި، ހިދުމަތްދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިން ވެސް ލިޔެވޭނެ ފަހުރުވެރި މަސައްކަތްތައް ކަން ފާހަގަކުރާ ކަމަށެވެ. އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ "ފިފްތު ޕަވާ މަޝްރޫއު" އާއި "އިންޓާ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި އެހާލަތުގައި ވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު. މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް. އަދި މިއީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާ ކުރަނިވި މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާ ގޮތަށް މި ފެށުނު އާ އަހަރަކީ ގައުމު އާރަސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އައު ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި މުޢުނީ ވަނީ ވިދާޅުވެފަ އެވެ.