އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމު ޑޮކިއުމެންޓްރީއެއް މިއަދު ހެނދުނު 7 ޖަހާއިރު މީޑިއާނެޓުން ދުރަށް ދައްކާނެ އެވެ.

"ޗާލްސް: އިން ހިޒް އޯން ވޯޑްސް" ނަމުގައި ރިލީޒް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއަކީ ޗާލްސް އަމިއްލަ ފުޅަށް ލިޔެފައިވާ އުފެއްދުމެކެވެ.

މި ޑޮކިއުމެންޓްރީގައި ޗާލްސްގެ ހަޔާތުގެ އެކި ދުވަސްވަރުގެ ވާހަކަތަކަށް އަލިއަޅުވާލާނެ އެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި ދުވަސްވަރު ޕްރިންސަސް ޑައާނާއާއެކު އޮތް ގުޅުމާއި އެ ދެކަނބަލުންގެ ކައިވެނި ނިމުމަކަށް އައިގޮތް ދައްކައިދޭނެ ކަމަށް ބެލެވެ އެވެ.

ހަމައެއާއެކު ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ޝާހީ އާއިލާގެ ހިނގުމަށް އައި ބަދަލުތަކާއި ޗާލްސްގެ ރަސްކަމުގައި އިނގިރޭސި ވިލާތަށް އަންނާނެ ބަދަލުތަކަށް ވެސް އެ ޑޮކިއުމެންޓްރީގައި ބަލާލާނެ އެވެ.

ޗާލްސްގެ މި ޑޮކިއުމެންޓްރީ ރިލީޒް ކޮށްފައި މިވަނީ އަންނަ ހަފްތާ ތެރޭގައި ޗާލްސްއަށް ރަސްމީ ގޮތުން ރަސްކަން އެރުވުމުގެ ހަފުލާ (ކޮރޮނޭޝަން) ބާއްވަން ހަމަޖަހިފައި ވަނިކޮށެވެ.

މި ހަފްލާއަށް ރޫޅިފައިވާ ޝާހީ އާއިލާގެ ހުރިހާ ބޭފުޅުން ހާޒިރުވާނެކަން ޔަގީން ނުވާއިރު ޕްރިންސް ހެރީ ވަޑައިގަންނަވާނަމަ ވަޑައިގަންނަވާނީ އަނބިކަނބަލުން މޭގަންއާ ނުލައި ކަމަށް އެ އާއިލާގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

"ޗާލްސް: އިން ހިޒް އޯން ވޯޑްސް" ދައްކަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 7 ޖަހާއިރު މީޑިއާނެޓުގެ ޗެނަލް 820، ނެޝަނަލް ޖިއޮގްރަފިކް އިންނެވެ.