މޮސްކޯ (މެއި 3) - ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އަށް ޔުކްރޭނުން ޑްރޯން ހަމަލާ ދިނީ ރައީސް ލަޑިމިއާ ޕުޓިން އަވަހާރަކޮށްލަން ކަމަށް މޮސްކޯ އިން ބުނެފި އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނީ ކްރެމްލިން އަށް އަމާޒުކޮށް ޔުކްރޭނުން ފޮނުވާލި ދެ ޑްރޯން ސިފައިން ވައްޓާލާފައިވާ ކަމަށެވެ. ރިޔާސީ ތަރުޖަމާން ވިދާޅުވީ ޑްރޯން ހަމަލާދިން ވަގުތު ގަނޑުވަރުގައި ޕުޓިން ނޫޅުއްވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބައެއް މަންޒުތަކުން ފެންނަ ގޮތުގައި ކްރެމްލިންގެ މަތިން އެއްޗެއް ދަތުރުކުރުމަށް ފަހު، ގޮވަ އެވެ.

ޔުކްރޭނުން ބުނެފައި ވަނީ ކްރެމިލް އަށް ދިން ޑްރޯން ހަމަލާއާ އެ ގައުމާ ގުޅުމެއް ނެތް ކަމަށެވެ. ރައީސް ވޮލްޑޮމީރް ޒެލެންސްކީގެ ތަރުޖަމާން ވިދާޅުވީ ޔުކްރޭނުން ސަމާލުކަން ދެނީ ރަޝިޔާ އިން އަރައިގެންފައިވާ އެ ގައުމު މިނިވަން ކުރަން ކަމަށެވެ.

ރަޝިޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާގެ އަމާޒަކީ ޕުޓިން އަވަހާރަކޮށްލުން ކަމަށާއި އެ ހަމަލާގެ ސަބަބުން ރައްދު ހަމަލާދިނުމަށް ރަޝިޔާ އަށް މަޖްބޫރުވާނެ ކަމަށެވެ.

ޕުޓިން އަކީ ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ލީޑަރެވެ. އެކަމަކު ކްރެމްލިންއާ އެހާ ކައިރި އަށް ޑްރޯނެއް ދަތުރުކޮށްފައި ދިއުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ގޮވި ޑްރޯންގެ ބައެއް ބައިތައް ވަނީ ކްރެމްލިން ތެރެއަށް ވެސް ވެއްޓިފަ އެވެ.

ކްރެމްލިން އަށް ޑްރޯން ހަމަލާދީފައި ވަނީ ރަޝިޔާގެ ނަސްރުގެ ދުވަހުގެ ޕެރޭޑް މި މަހު 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ރަސްމިއްޔާތުގައި ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވާނެ އެވެ. ރަޝިޔާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ ޝެޑިއުލާ އެއްގޮތަށް ޕެރޭޑް ކުރިއަށްދާނެ ކަމަށެވެ.