މީގެ ހަތަރު އަހަރު ކުރިން ނިއުޒިލެންޑްގެ ކްރަައިސްޓްޗާޗުގައި ހުރި މިސްކިތަކަށް ހަމަލާ ދިން ޓެރަރިސްޓާ ކުރިމަތިލި ނިއުޒިލެންޑްގެ މީހަކަށް އިނގިރޭސި ވިލާތުގެ ރަސްގެފާނަށް ތާޖު އެރުވުމަށް ބޭއްވި ކޮރޮނޭޝަން ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އަބްދުލް އަޒީޒް ނަމަކަށް ކިޔާ އެމީހާއަށް މިދިޔަ ހޮނިހިރު ދުވަހު އޮތް ޗާލްސް ތިންވަނަ ރަސްގެފާނުގެ ތާޖު އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ރަސްމިއްޔާތަށް ދައުވަތު ލިބުނު ނިއުޒިލެންޑުގެ ހާއްސަ ވަފްދުގެ ތެރޭގައި ހިމެނިގެންނެވެ.

އަޒީޒް ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކްރައިސްޓްޗާޗުގެ ލިންވުޑް އިސްލާމިކް ސެންޓަރަށް ޓެރަރިސްޓު ހަމަލާ ދިން ބްރެންޓަން ޓެރަންޓްއާ އެއްވެސް ހަތިޔާރެއް ނެތި ކުރިމަތިލައި އެތަނުން ފައްސާލައިފަ އެވެ.

އަޒީޒްގެ އެ ހިތްވަރުގަދަކަން ފާހަގަކޮށް ނިއުޒިލޭންޑުގައި ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިއުޒިލޭންޑް ކްރޮސް ވެސް ވަނީ އެ ގައުމުގެ ސަރުކާރުން އޭނާއަށް ދީފަ އެވެ.

އިނގިރޭސި ޝާހީ ރަސްމިއްޔާތަށް ލިބުނު ދައުވަތާ ގުޅިގެން ވާހަކަ ދައްކަމުން އަޒީޒް ބުނީ އެއީ އޭނާ އެއްވެސް ގޮތަކަށް އުއްމީދުކުރި ޝަރަފެއް ނޫން ކަމަށާއި ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތަށް ދާން ލިބުމުން އުފާވާ ކަމަށެވެ.

އަޒީޒަށް ޝާހީ ދައުވަތެއް ލިިބިފައިވާއިރު ކްރައިސްޓްޗާޗުގެ ހާދިސާ ހިނގި ދުވަސްވަރު އޭރުގެ ޕްރިންސް، އަދި މިހާރުގެ ރަސްގެފާނު ޗާލްސްގެ އިތުރުން ޕްރިންސް ވިލިއަމް ވަނީ އަޒީޒްއާ ބައްދަލު ކޮށްފަ އެވެ.

ނަމާދެއްގެ ޖަމާއަތް ކުރިއަށް ދިޔަ ވަގުތު ދިން ޓެރަރިސްޓް އެ ހަމަލާގައި 51 މީހުން ވަނީ މަރުވެފަ އެވެ. އެ ހާދިސާއަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.