ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ޕީޖީ އޮފީހުގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފި އެވެ.

މީގެ ކުރިން ފުވައްމުލަކުގައި ތަހުގީގުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީ އޮފީހުގެ އައްޑޫ ގޮފިންނެވެ. ޕީޖީ އޮފީހުން ބުނީ ފުވައްމުލައް ސިޓީއަށް ހިދުމަތްތައް ބަދަލުވުމާއެކު އެ އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ގާއިމުވެތިބި ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަށެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މި އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުން ކަމަށް އެ އޮފީހުން ބުންޏެވެ.

" މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވާނީ ހަމަޖައްސާފައެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އެކަމުގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވާނެ ކަމަށެވެ.

"އަމާޒަކީ މި އޮފީހުގެ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުމެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.