ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައިވާ ކަމަށާއި މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.
މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަމަލު ކުރެއްވީ ދިވެހިންގެ މަސްލަހަތާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިކަމުގައި ހަރަކާތްތެރިވާ އިއްތިހާދުގެ ޕީޖީ ގްރޫޕުންނެވެ.
އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެ އެވެ.
މިމައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިއްތިހާދުން ބުނެފައިވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތް ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އާއި ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދިނުން ހިމެނޭ ކަމަށެވެ.
އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން ގޮތް ކަނޑައަޅާފައި ވަނިކޮށް ރިފްއަތު އަމަލު ކުރެއްވީ އެހެން ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށްވެސް އެ އިއްތިހާދުން ބުނެ އެވެ. އެމްޑީޕީން ވަނީ ރިފްއަތު މަގާމުން ދުރު ކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީފަ އެވެ.