ބަދަލުގެ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދެއްކުމަށް ކޮސްފައިވާ ހުކުމާއި އެއްގޮތަށް އެފައސިާ ނުދައްކާތީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް އެޑީއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވެސް ދަމަހައްޓައިފި އެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދީފައިވަނިކޮށް 2013 ވަނަ އަހަރު ސަރުކާރުން އެ ތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރިން ހުކުމް ކުރި އެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑް އަށް ގެއްލުމުގެ ބަދަލުގައި 15 މިލިއަން ރުފިޔާ ދިންއިރު ސިވިލް ކޯޓުގެ ހުކުމުގައި އެ ފައިސާ ދޭން ބުނެފައިވާ މުއްދަތަށް ވުރެ ފަހުން ދިނުމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
ސިވިލް ކޯޓުން ނިންމާފައި ވަނީ މިނިސްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ.
ހައިކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ނިންމީ ސިވިލް ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި އެވެ.
ހައިކޯޓުގެ އެނިންމުމާއި ގުޅިގެން އެ ކުންފުނިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވެސް ނިންމެވީ ހައި ކޯޓުގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ.