އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ވަނީ ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އާއި އެމީހުންގެ ދަރިފުޅު މާލްތީ މަރީ ޗޯޕްރާ ޖޯނަސް ވީޑިއޯއެއް ހިއްސާކޮށްފި އެވެ.

މި ވީޑިއޯއަކީ މައިންގެ ދުވަހާ ގުޅުވައިގެން ނިކް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެކެވެ.

ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްރާ ލޯބިވެރިޔާ ރާގަވް ޗައްޑާ އެންގޭޖްމަންޓްގައި ބައިވެރިވުމަށްފަހު ޕްރިޔަންކާ މިހާރު ހުރީ މައިންގެ ދުވަސް ފާހަގަކުރުމަށް ލޮސް އެންޖެލިސްގަ އެވެ.

ނިކް ހިއްސާކުރި ވީޑިއޯގައި ފެނިގެންދަނީ މާލްތީ ޕްރިޔަންކާގެ ކޮނޑުގައި އިށީނދެގެން އިން މަންޒަރެވެ. ދެމައިން އެކުގައި ސަކަރާތްޖަހަމުންދާ މަންޒަރެވެ.

ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ފުތަމަ ބައްދަލުވީ 2017 ވަނަ އަހަރު ބޭއްވި މެޓްގާލާ 2017 ގެ ފެޝަން ޝޯއަކުންނެވެ. ކައިވެނިކުރީ ޖެހިގެން އައި އަހަރު ޕްރިޔަންކާގެ އުފަން ދުވަހު އެވެ.

ސަރޮގޭޓްކޮށްގެން މި މީހުން ކުއްޖަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

ޕްރިޔަންކާގެ ސްޕައި ސީރީޒް "ސިޓަޑޭލް" ގެ ފުރަތަމަ ސީޒަންގައި ހަ އެޕިސޯޑު މިހާރު އެމަޒޮން ޕްރައިމް ވީޑިއޯގައި އަންނަނީ ދައްކަމުންނެވެ.

އޭގެ އިތުރުން، މިހާރު ޕްރިޔަންކާ ތައްޔާރުވަމުން އަންނަނީ މަޝްހޫރު އެކްޓަރު އިދްރިސް އަލްބާ އާއި ޖޯން ސީނާއާއެކު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ނެގުމަށް ތައްޔާރުވަމުންނެވެ.