އެފްރިކާގެ ގައުމުތަކުގެ ވެރިންނާއެކު ވަކިވަކިން ބައްދަލުކުރައްވައި ހަނގުރާމައަށް ނިމުން ގެންނާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ޔުކްރޭންގެ ރައީސް ވޮލްޑިމީރު ޒެލެންސްކީ އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެއްބަސްވެ ވަޑައިގެންފި ކަމަށް ސައުތު އެފްރިކާއިން އިއުލާން ކޮށްފި އެވެ.

ޔުކްރޭނާއި ރަޝިޔާގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ދެ ގައުމު ސުލްހަވުމަށްޓަކައި މި ބައްދަލުވުންތައް ބޭއްވުމަށް ހުށަހެޅީ ސައުތު އެފްރިކާއިންނެވެ.

ސައުތު އެފްރިކާގެ ރައީސް ރަމްފާސޯ ވިދާޅު ވިގޮތުގައި އެމަނިކުފާނު މިހާރު ވަނީ މި މައްސަލައިގައި ޕޫޓިން އާއި ޒެލެންސްކީ އާ ފޯނުން ވާހަކަފުޅުދައްކަވައި އެއްބަސްކުރުވާފަ އެވެ. ސައުތު އެފްރިކާއިން އިސްނަގައިގެން ހިންގަން ނިންމައިފައިވާ ސުލްހައިގެ މިޝަނުގައި އެފްރިކާގެ ގައުމުތަކުގެ ތެރެއިން ޒެމްބިއާ އާއި ސެނެގޯލާއި ކޮންގޯއާއި ޔޫގެންޑާ އާއި މިސްރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ސައުތު އެފްރިކާގެ ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން ފުރަތަމަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މޮސްކޯ އާއި ކީވްގައި ބާއްވާވަކި ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ، ސައުތު އެފްރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ނޫސްވެރިންނާ ބައަދަލު ކުރައްވަމުން ވެސް ރައީސް ރަމްފާސޯ ވަނީ މި ވާހަކަފުޅު ދައްކަވާފަ އެވެ.

ރަމްފާސޯ ވިދާޅުވި ގޮތުގައި ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު އެފްރިކާގެ ގިނަ ގައުމުތަކަށް އަންނަނީ ކުރަމުންނެވެ. ކާބޯތަކެތީގެ އަގު ބޮޑުވުމާއި ބައެއް ބާވަތްތައް ނުލިބުން ފަދަ ކަންތައްތަކުގެ ސަބަބުން އެފްރިކާއަށް މިހަނގުރާމައިގެ ސަބަބުން މެދުވެރިވާ ގެއްލުން ވަރަށް ބޮޑެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފްރިކާގެ ލީޑަރުންނާއެކު ރަޝިޔާ އާއި ޔުކްރޭނުގެ ވެރިން ބާއްވަވަން ނިންމަވާފައިވާ ސަމިޓުގެ މައުލޫމާތު އދ. ސެކްރެޓެރީ ޖެނެރަލާއެކު ވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.

ސައުތު އެފްރިކާގެ ރައީސްގެ އެނައުންސްމެންޓްގައި ޕޫޓިންއާއި ޒެލެންސްކީ އާ ބައްދަލު ކުރައްވާނެ ވަކި ތާރީޚެއް ނުވަތަ ވާހަކަ ދެއްކުންތައް ކުރިޔަށް ގެންދަވާނެ ވަކިގޮތެއް ވެސް ހާމަ ކުރައްވާފައެއް ނުވެ އެވެ.

ސުލްހައިގެ ވާހަކަތަކާ ބެހޭގޮތުން ޔުކްރޭންގެ ރައީސް މިހާތަނަށް ވިދާޅުވެފައި ވަނީ ރަޝިޔާ އިން ޔުކްރޭނުން ހިފާފައިވާ ބިންތަކުން ފައިބައި ބޮން އެޅުން ހުއްޓާލުމުގެ ކުރިން ޕޫޓިން އާއެކު މަޝްވަރާގެ މޭޒު ދޮށަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

ސައިތު އެފްރިކާގެ މި އެނައުންސްމެންޓް އައީ އެ ގައުމުން ރަޝިޔާއަށް ހަތިޔާރު ފޮނުވަން މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތު އެމެރިކާއިން ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ތުހުމަތާއެކު އުފެދުނު ޑިޕްލޮމެޓިކް ނުތަނަވަސްކަމުގައި ސައުތު އެފްރިކާއިން ވަނީ އެގައުމުގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ހާޒިރުކޮށް ތުހުމަތުތަކުގެ ހެކި ދެއްކުމަށް އަންގާފަ އެވެ.