ނިއުޔޯކް (މެއި 18) - ނުރައްކާތެރި ހާދިސާއެއް ހިނގާ ފަދަ ގޮތަކަށް ޕްރިންސް ހެރީގެ ކާރުކޮޅުގެ ފަހަތުން ޕަޕަރާޒީންގެ ކާރުތަކެއް ދުއްވައިފި އެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ މި ނުރައްކާތެރި ދުއްވުމުގައި ހެރީއާއެކު އަނބިކަނބަލުން މޭގަން އާއި މޭގަންގެ މަންމަ ވެސް ތިއްބެވި އެވެ.
އެ ހާދިސާ ހިނގީ އެމެރިކާގެ ނިއުޔޯކުގެ އެމްއެސް. ފައުންޑޭޝަން ފޯ ވިމެންސްގެ ފަރާތުން ބޭއްވި އެވާޑް ދިނުމުގެ ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެބޭފުޅުން އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ. އެ ހަފުލާގައި މޭގަންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ވެސް އެރުވި އެވެ.
ހެރީއާއި މޭގަންގެ ފަރާތްޕުޅުން ސްޕޯކްސްޕާސަނެއް މެދުވެރިކުރައްވައި ނެރުއްވި ބަޔާނުގައިވާ ގޮތުން ޕަޕަރާޒީންގެ ގުރޫޕުން ވަނީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާ ފަދަ ނުރައްކާތެރި ގޮތަކަށް އަމަލު ކޮށްފަ އެވެ.
"ޕަބްލިކް ފިގާއަކަށް ވުމަކީ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ދޭން ހުއްދަވާނެ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.
އެ ބަޔާންގައި ވާގޮތުން ބިއްލޫރިތައް ކަޅުކޮށްފައި ހުރި ބާރަ ވަރަކަށް ކާރުގެ ގްރޫޕަކުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ނުރައްކާވާ ފަދަ ނުރައްކާތެރި ގޮތް ގޮތަށް ހެރީގެ ކާރުގެ ފަހަތުން ދުއްވި އެވެ.
ޕަޕަރާޒީންގެ އުނދަގުލުން ސަލާމަތްވުމަށްޓަކައެި އެބޭފުޅުން ނިއު ޔޯކް ސިޓީ ޕޮލިސް ސްޓޭޝަނަށް ވަޑައިގެންނެވީ ޓެކްސީއެއްގަ އެވެ. އެބޭފުޅުންގެ ސެކިއުރިޓީ އޮފިސަރުން ބުނި ގޮތުގައި ޕަޕަރާޒީންގެ ބަރަވަރަކަށް ކާރާއި އެތައް ސްކޫޓަތަކާއި ބައިކުތައް އެބޭފުޅުންގެ ފަހަތުން ޓްރެފިކް ލައިޓަކަށް ބަލައިމުމެއް ނެތި ދުއްވާފައި ދިޔަ އެވެ.
ނިއު ޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް މި ހަރަކާތް ކުށްވެރި ކުރައްވަމުން ވިދާޅުވިގޮތުގައި އެ ހަރަކާތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ހިންގި ނުރައްކާތެރި ހަރަކާތެކެވެ.
މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި އެހާދިސާގައި ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓުގެ ދެ އޮފިސަރަކަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވީ ކިރިޔާ އެވެ.
އިނގިރޭސި ޝާހީ އާއިލާއަށް ލޯބި ކުރާ މީހުން އަންނަނީ ޕަޕަރާޒީންނަށް ޕްރިންސަސް ޑަޔާނާގެ މަރުން ވެސް އެއްޗެއް ދަސް ނުވި ކަމަށް ބުނެ ފާޑު ކިޔަމުންނެވެ. ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރު ޕެރިހުގައި އެކަމަނާ ދަތުރު ކުރެއްވި ލިމޯއެއްގެ ފަހަތުން އަޅުވައިލި ޕަޕަރާޒީ ކާރުތަކުން ސަލާމަތްވުމަށް ދުއްވަމުން ދަނިކޮށް ކޮންޓުރޯލުން ނައްޓައިގެން ހިނގި އެކްސިޑެންޓެއްގަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަކިންހަމް ޕެލަސްއިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.