ދަ ހޭގް (6 ޖެނުއަރީ) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޔޫރަޕްގެ ގައުމުތަކުގައި މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި އެވެ.

ޔޫރަޕިއަން މެޑިސިން އޮތޯރިޓީ (އީއެމްއޭ) އިން ބުނި ގޮތުގައި އެ އޮތޯރިޓީއިން ވަނީ މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އަދި މިހުއްދަ ދިނީ އެ އޮތޯރިޓީއިން ކުރިއަށްގެންދިޔަ އިންޑިޕެންޑެންޓް އެސެސްމަންޓްތަކަށް ފަހު ވެކްސިންގެ ކޮލިޓީއާއި ރައްކާތެރިކަން ވަޒަންކުރުމަށް ފަހު އެވެ. އެގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިވެކްސިން ބޭނުންކުރަން ރައްކާތެރިކަމަށް ހާމަކޮށްފައިވެ އެވެ.

އީއެމްއޭ ގެ އެގްޒެކެޓިވް ޑައިރެކްޓަރު އެމާ ކޫކް ވިދާޅުވީ މޮޑާނާ ވެކްސިން ޖަހަން ފެށުމުން ކޮވިޑް ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އީޔޫއިން ވަނީ މީގެ ކުރިން ކޮވިޑް ވައިރަސްއަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައި ދީފަ އެވެ.

ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިނާ ހިލާފަށް މޮޑާނާ ވެކްސިން ހާއްސަ ފިނިކުރާ ކޮންޓެއިނާ ތަކެއް ބޭނުމެއް ނުވެ އެވެ. މި ވެކްސިން އާދައިގެ ފްރިޖްތަކުގައި ވެސް ރައްކާކޮށްފައި ބެހެއްޓޭނެ އެވެ.

އީޔޫގެ 27 މެމްބަރު ގައުމުތަކުގެ 80 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް 160 މިލިއަން ޑޯޒްގެ ވެކްސިނަށް މޮޑާނާއަށް އޯޑަރު ދީފައިވާ ކަމަށް އީޔޫ އިން ބުނެފައިވެ އެވެ.

އީއެމްއޭ އިން ވެކްސިން ބޭނުންކުރުމަށް ހުއްދަ ދިންކަމުގައި ވިޔަސް މިކަމަށް ފައިނަލް ގޮތެއް ނިންމާނީ ޔޫރަޕިއަން ކޮމިޝަނުންގެ އެގްޒެކެޓިވުން ބާއްވާ ހާއްސަ ބައްދަލުވުމެއްގަ އެވެ. މިބައްދަލުވުން ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނެ ކަމަށް ލަފާކުރެ އެވެ. - ރޮއިޓާސް