ރަޝިޔާގެ ޕްރައިވެޓް ސިފައިންގެ ގްރޫޕެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވަގްނާ ގުރޫޕުން ޔުކްރެއިންގެ ބަޚުމޫތު ހިފައިފި ކަމުގައި އެ ގްރޫޕްގެ ބޮސް ޔެވްގެނީ ޕްރިގޯޝިން އިއުލާން ކޮށްފި އެވެ.

ވަގްނާއިން މި އިއުލާން ކުރުމާ ވިދިގެން ޔުކުރޭނުން ބުނެފައި ވަނީ ބަޚްމޫތުގެ ހާލަތު ނާޒުކު ކަމަށެވެ. އެހެނަސް މުޅި ބަޚްމޫތުގެ ބާރު ޔުކްރޭނަށް ގެއްލުނު ކަމަށް އެއްބަހެއް ނުވެ އެވެ.

"މިއަދު 12 ޖެހި އިރު މުޅި ބަޚުމޫތު ވަނީ އަހަރެމެންގެ ބާރުގެ ދަށަށް ގެނެވިފައި،" ވީޑިއޯ މެސެޖެއްގައި ޕްރިގޯޝިން ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕްރިގޯޝިން ބުނީ މިމަހު 25 ވަނަ ދުވަހު އެ ގްރޫޕުން ބަޚުމޫތުން އެއްކޮށް ފައިބާނެ ކަމަށެވެ.

"މުޅި ސިޓީގެ އެއްގެއިން އަނެއް ގެއަށް ހުރިހާ ތަނެއް ވަނީ އަހަރެމެންގެ ކޮންޓްރޯލުގެ ދަށުގައި،" ޕްރިގޯޝިން ބުންޏެވެ.

ވަގްނާ ގްރޫޕްގެ މެސެޖަށް ރައްދު ދެއްވަމުން ޔުކްރޭނުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަނާ މާލިއާ ޓެލެގްރާމް މެސެޖެއް މެދުވެރިކޮށް ވިދާޅުވި ގޮތުގައި ބަޚުމޫތު އެއްކޮށް ރަޝިޔާގެ ކޮންޓްރޯލަކަށް ނުދެ އެވެ. އެ ސިޓީގައި ގަދަޔަށް ހަމަލާ ބަދަލުވަމުން ދާކަމަށް ވިދާޅުވަމުން އިތުރަށް ވިދާޅުވީ ހާލަތު ވަރަށް ނާޒުކު ކަމަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ބަޚުމޫތު ރަޝިޔާގެ އަތް މައްޗަށް ދިއުމަކީ ޔުކުރޭނަށް ލިބުނު ދެރައެކެވެ. އެހެން ނަމަވެސް އެ ސިޓީ ކޮންޓްރޯލްކޮށްފައި ބާއްވަން ރަޝިޔާ އަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނޭ ކަމަށް ވެސް އެފަރާތްތަކުން ދެކެ އެވެ.

ގަދަފަދަ ހަނގުރާމައަކަށް ފަހު ބަޚުމޫތު ޔުކްރޭނަށް ގެއްލުނު އިރު އެ ގައުމުގެ ރައީސް ވޮލަޑްމީރު ޒެލެންސްކީ ވަޑައިގެން ހުންނެވީ ޖީ7 ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޖަޕާނުގަ އެވެ.