ކުކުޅު ބިހަކީ އަޅުގަނޑުމެންގެ ކެއިންބުއިމުގައި ވަރަށް އާއްމު އެއްޗެކެވެ. ކައްކައިގެންނާއި އެ ނޫންވެސް ގޮތްގޮތަށް ބިހުގެ ބޭނުންކޮށްގެން އެތައް ކެއުމެއް އަޅުގަނޑުމެންގެ ތެރޭގައި ކައި އުޅެ އެވެ. ކެއުމެއްގެ ގޮތުގައި ސިއްޙަތަށް އެތައް ފައިދާތަކެއް ފޯރުކޮށްދޭ ކުކުޅު ބިހުގެ ތޮށިގަނޑަކީ އެއިން އެތަކެއް ބޭނުމެއް ކުރެވޭ ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ބިސްތޮށި ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް ތިރީގައި ލިޔެލަމެވެ.

ފައިދާހުރި ފޭސް މާސްކެއް:

ބިސް ތޮށްޓާއި ބިހުގެ ހުދުބައި އެއްކޮށް މިކްސްޗަރެއްގައި ގިރައި މޫނުގައި އުނގުޅުމަކީ ބިސްތޮށިން އެންމެ ގިނައިން ކޮށްއުޅޭ އެއް ބޭނުމެވެ. މިގޮތަށް މޫނުގައި އުނގުޅުމުން މޫނުގެ ހަންގަނޑު އޮމާން ކޮށްދީ ރޫ ފިލުވައިދެ އެވެ. މި ފޭސް މާސްކް ދޮވެލުމުގެ ކުރިން ރަނގަޅަށް ހިކެންދެން މަޑުކުރަން ހަނދާން ކޮށްދެމެވެ.

ހަމުގެ އުނދަގޫތަކަށް ފަރުވާއެއް:

ބިސްތޮށި ކޮޅަކަށް ކުޑަ ރާހުތް ފޮދެއް އަޅައި ދެތިން ދުވަސް ވަންދެން ބަހައްޓާށެވެ. ރަނގަޅަށް އެއްވުމުން ހަންގަނޑުގައި ހާކާށެވެ. ކެހުމާއި ދިލަ ނެގުން ފަދަ ހަންގަނޑަށް ދިމާވާ ކުދި އުނދަގޫތަކަށް ލުއެއް ލިބޭނެ އެވެ.

ގަސް ހެއްދުމަށް އެހީއެއް:

ބިސްތޮށްޓަކީ އޭގެ ޒާތުގައި ޕްރޮޓީންސް ގިނަ އެއްޗެކެވެ. އެހެންކަމުން ގަސްކާނާއެއްގެ ގޮތުގައި ބޭނުން ކުރެވެ އެވެ. އަދި ހަމަ އެހެންމެ ގަސްވެއްޔާއި އެއްކޮށްފައި ބެހެއްޓުމުން އެކި ވައްތަރުގެ ގަސް ހެދި ބޮޑުވުމަށް އެހީވެދެ އެވެ. އަދި ހަމައެއާއެކު ގަސްވަށި، ދޮވެ ސާފު ކުރުމަށް ވެސް ބިސްތޮށި ބޭނުން ކުރެވޭނެ އެވެ.