މާލެ ސަރަހައްދުން މާލެ މީހުންނަށް ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އިއުލާންކުުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭނީ ކޮންއިރަކުންތޯ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ކުރެއްވި ސުވާލަށް ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ޖޫން މަހު އެކަން ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އަސްލަމްގެ ޖަވާބާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ވަޒީރު އެކި ތާރީހުތައް ދެމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ.
"ޖޫން މަހުގައި އެކަން ކުރައްވާ ގޮތަކާއި ވާގޮތަކާއި ތަފުސީލެއް އަޅުގަނޑު ހިތުން އިއްޒަތްތެރި މެންބަރު ތަމްސީލުކުރައްވާ ރައްޔިތުންނަށް ބޭނުންވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރެވުނު ސުވާލަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެންމެ ފަހުން މަޖިލީހަށް ހާޒިރުވި ދުވަހު ވެސް ޖޫން މަހު އެ ލިސްޓު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅާފަ އެވެ.
މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022ގަ އެވެ.
މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.ދޫކުރާ ގޯތީގެ ބޮޑުމިން
ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.