ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވާސިޓީއަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި މިރޭ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވާސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވާސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ޒަމާނީ އިލްމު ފުޅާކޮށް، ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްސަކޮށްފައި ވާނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފަ އެވެ. އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްސަކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށާއި ހަމައެހެންމެ ކުރިންވެސް ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ މި ހަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވާސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެ އެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް ނުވަ ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިން އެންޑް ލާނިން އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.