އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާއި، އިމާމުންނަށް ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސް ސޯލިހު ވިދާޅުވީ އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރަ އާއި ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެ ކަމަށެވެ.
އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުރިންވެސް ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޒަމާނީ އިލްމު ފުޅަކޮށް ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވާނީ ތައުލީމީ ދާއިރާއަށްކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
އިސްލާމީ ޔުނިވާސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ހާސިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވައުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރޭގެ ހަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް ޓީޗިން އެންޑް ލާނިން އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.