ބަންޑާރަނައިބު އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި މަޖިލީހަށް ހާޒިރު ނުވެ ރިފްއަތު ލިޔުމުން ޖަވާބު ދެއްވައިފި އެވެ.

މިމައްސަލާގައި ބަހުސް ކުރެއްވުމަށް 2 ގަޑިއިރު ދިނުމަށް އާންމު ކޮމެޓީން ވަނީ ފާސްކޮށްފައިވެ އެވެ.

ބަންޑާރަ ނައިބު ވަޑައިނުގެންނެވި މައްސަލައިގައި މަޖިލިސް ރައީސް ވިދާޅުވީ ރިއްފަތުގުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަޒީރު މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ދެއްވުމަކީ ނިޒާމީ މައްސަލައެއް ދިމާވެދާނެ ކަމެއް ކަމަށެވެ.

ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް ބަހުސް ފެށި ނަމަވެސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި، ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވޭ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ މެދު ކަނޑާލި އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން 14 ދުވަހުގެ ނޯޓިސް ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 ވޯޓު ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބާ ދެކޮޅަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.