އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު ޖަވާބުދާރީވުމަށް އޭނާ މިއަދުގެ ޖަލްސާއަށް ހާޒިރުނުވުމުން އެ އިދާރާއިން ކަންތައް ކުރާނެ ގޮތަކާ މެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮތެއް ނުނިންމުމުން ދެން ޖެހޭނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ މަޖިލީހަށް ހާޒިރުނުވެ ކުރިއަށްގެންދެވޭނެ ކަމަށް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ފިޔަވައި ދެން އެއްވެސް ޕާޓީއަކަށް އެއްބަސްނުވެވޭ ކަމަށެވެ.

"ގާނޫނުއަސާސީގައި ބަންޑާރަ ނައިބަށާއި ވަޒީރު ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން ބުނާ ގޮތުގައި ކިތާބީ ހެއްކާ އެކުގައި، ޑޮކިއުމެންޓްރީ އެވިޑެންސާ އެކުގައި މި ތަނުގައި ޖަވާބުދާރީވެވަޑައިގަތުމޭ،" ނަޝީދު ވިދާޅުވި އެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތް ގޮތާއި މި ބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުން ފާސްނުކޮށް ސުޕްރީމް ކޯޓުގެ ލަފައެއް ނުހޯދޭނެ ކަމަށެވެ. އެއާއެކު ރައީސް ނަޝީދުވެސް ވިދާޅުވީ އެފަދަ ލަފައެއް ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ހޯއްދަވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި މާއްދާގައި "އަނގަބަހުންނާއި ލިޔުމުން" މިހެން ލިޔެފައި ވުމުން އަނގަބަހުން ޖަވާބުދާރީ ވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މާއްދާގައި "އަނގަބަހުން ނުވަތަ ލިޔުމުން" މިހެން ލިޔެއޮތްނަމަ ކޮންމެވެސް އެއްގޮތެއް އިހްތިޔާރު ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު ބޭނުންފުޅު ވާނަމަ ދިފާއު ދޫކޮށްލެއްވޭނެ ކަމަށެވެ.