އަމީތާބް ބައްޗަންއާއި ޖާޔާ ބާދޫރީއަކީ 70 އާއި 80ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ވިދާލި ދެތަރިންނެވެ. އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ މި ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައި ވެސް ލާމަސީލު ދެމެފިރިންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.
އަމީތާބާއި ޖާޔާގެ ކައިވެންޏަށް މިއަދު 50 އަހަރު ފުރުނުއިރު އެކަމުގެ އުފަލުގައި އެދެމަފިރިންގެ ދަރިފުޅު ޝްވެތާ ބައްޗަން ވަނީ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ.
ޝްވެތާގެ ޕޯސްޓުގައި އޭނާގެ މައިންބަފައިންގެ ޅަދުވަހުގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު ކައިވެނީގެ ރަން ޔޫބީލްގެ ތަހުނިޔާ ވެސް ވަނީ ކިޔާފަ އެވެ.
އުފާވެރި ކައިވެންޏެއްގެ ސިއްރު އޭނާގެ މަންމަ ކިޔައިދީފައިވާ ކަމަށާއި އެއީ "އަންހެނުންގެ ބަހަކީ އެންމެ ފަހު ބަސް" ކަމަށް ގަބޫލުކުރުން ކަމަށް ވެސް ޝްވެތާ ބުނެފައިވެ އެވެ.
ޝްވެތާ ހިއްސާކުރި ފޮޓޯގައި އަމީތާބާއި ޖާޔާ ފާރެއްގައި ލެނގިގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުންނަ މަންޒަރު ފެނެ އެވެ. މަންޒަރު ޖެހި ގަމީހަކާއި ފައިކުރި ފުޅާ ފަޓުލޫނެއްގައި އަމީތާބު ހުރިއިރު ޖާޔާ ހުރީ ސާރީއެއްގަ އެވެ.
ކެމެރާގެ ކުރިމަތިންވެސް މި ދެތަރިންނަކީ އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެތަރިންނެވެ. އެގޮތުން ގުއްޑީ، އެކް ނަޒަރު އަދި ކަބީ ޚުޝީ ކަބީ ޣަމް އަކީ އެގޮތުން ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.
އަމީތާބާއި ޖާޔާ ކައިވެނިކުރީ 1973 ވަނަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު މިހާރު އެ ދެމީހުންގެ ތިން ކާފަ ދަރިން ވެސް ތިބެ އެވެ.
އެއީ އަބީޝޭކް ބައްޗަންގެ އާރަދްޔާއާއި ޝްވެތާގެ އަގަސްތުޔާ އަދި ނަވްޔާ ނަވޭލީ ނަންދާ އެވެ. އަބީޝޭކް އެކްޓަރު އައިޝްވާރްޔާއާ ކައިވެނިކުރި އިރު ޝްވެތާ ކައިވެނިކުރީ ވިޔަފާރިވެރިޔާ ނިއްކިލް ނަންދާއާ އެވެ.