ލަންޑަން (8 ޖެނުއަރީ) - ކޮވިޑް ވައިރަސްއާ ދެކޮޅަށް މޮޑާނާއިން އުފެއްދި ވެކްސިން އިނގިރޭސިވިލާތުގެ ކަމާ ބެހޭ އިދާރާ ކަމަށްވާ މެޑިސިން އެންޑް ހެލްތް ރެގިއުލޭޓަރީ އެޖެންސީން ދީފި ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ އިން ބުނެފި އެވެ.

އެ އެޖެންސީން ބުނިގޮތުގައި މޮޑާނާ ވެކްސިން ވަނީ ސޭފްޓީ ސްޓޭންޑާޑްތަކާއި ކޮލިޓީ ޓެސްޓްތަކުން ފާސްވެފަ އެވެ. އަދި ޓެސްޓްތަކުން 94 ޕަސެންޓަށް ކޮވިޑް ވައިރަސްއާ ދެކޮޅަށް ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުން ވަނީ މީގެ ކުރިން ފައިޒާ އަދި ބަޔޯއެން ޓެކުން އުފެއްދި ކޮވިޑް ވެކްސިން އަދި އޮކްސްފޯޑްގެ އެސްޓްރާ ޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އަދި މި ވެކްސިން ބޭނުންކޮށްގެން 1.5 މިލިއަން މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށް އިނގިރޭސި ހެލްތް މިނިސްޓަރު މެޓް ހެންކޮކް ވަނީ ވިދާޅުވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުން ވަނީ މޮޑާނާ ވެކްސިންގެ 17 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ދީފަ އެވެ. ނަމަވެސް ވެކްސިން ލިބޭ ވަރުވާނީ މިއަހަރުގެ ފަހުކޮޅު ކަމަށް އިނގިރޭސި އޮފިޝަލުންނާ ހަވާލާދީ މީޑިއާ ހަބަރުތައް ބުނެ އެވެ.

އިނގިރޭސިވިލާތުން ކޮވިޑް ވައިރަސްގެ އައު ވޭރިއަންޓް ފެނުމާއެކު ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އަދި މިކަމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ ލޮކްޑައުންގެ ވަރުގަދަ ފިޔަވަޅުތައް އަޅައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފަ އެވެ.

އިނގިރޭސި ސަރުކާރުން ބުނިގޮތުގައި މައުލޫމާތުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ ނިޔަލަށް އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 78،508 އަށް އަރާފަ އެވެ. މިދިޔަ 28 ދުވަހުގައި އެގައުމުން ވަނީ ކޮވިޑް ޖެހިގެން 1،162 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ލަންޑަންގެ މޭޔަރު ސާދިގް ޚާން ވަނީ ކޮވިޑް ވައިރަސް ލަންޑަންގައި ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގައުމުގެ އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކުން ބުނިގޮތުގައި ލަންޑަންގެ ކޮންމެ 30 މީހަކުން އެކަކަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ.

ލަންޑަންގެ ހޮސްޕިޓަލްތަކުގައި 7،034 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދެ އެވެ. މިއީ މީގެ ދެ ހަފްތާ ކުރިން ހުރި ވަރަށް ވުރެ ދެގުނަ އަދަދެކެވެ. އަދި 908 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދެ އެވެ.

މިކަމާ ގުޅިގެން ލަންޑަންގެ ހޮސްޕިޓަލްތަކަށް އޮބިނޯންނަ ވަރަށް ކޭސްތައް ގިނަ ވެދާނެ ކަމަށް ބަލައި ލަންޑަންގެ މޭޔަރު ސޯދިގު ޚާން ވަނީ މޭޖާ އިންސިޑެންޓް ލެވެލް އިއުލާން ކޮށްފަ އެވެ.

މޭޖަ އިންސިޑެންޓަކީ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، އޮބި އޮންނަ ވަރަށް ވުރެ ހިދުމަތް ދޭން ޖެހޭ މީހުން ގިނަވެ އާންމު ހާލަތްތަކުގައި ހޮސްޕިޓަލުން އަދި އެމަޖެންސީކޮށް، ދެވޭ ހިދުމަތް ދިނުމަށް ދަތިތައް ކުރިމަތިވުމެވެ. އަދި މިކަމާ ގުޅިގެން ހާއްސަ ހާލަތަށް ބޭނުންވާ ހިދުމަތްތައް ހަމަޖައްސަން ޖެހެ އެވެ. – ބީބީސީ