ރާއްޖޭގެ ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކުރި ކަމަށް ދެކެވޭ ޥާހަކަތަކާ ގުޅިގެން އެއީ ރޭޕެއް ނޫން ކަމަށާއި ރިސޯޓުގައި އުޅުނު ބޭރު މުވައްޒަފަކު އެ އަންހެންކުއްޖާ ގައިގައި ގަދަކަމުން އަތްލާން މަސައްކަތް ކުރީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ވާހަކަ ފެތުރުނު ނަމަވެސް ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ. ނަމަވެސް، އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި، އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލާން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ

ފުލުހުން ބުނީ މި މައްސަލަ މީޑިއާގައި ރިޕޯޓް ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބުނުއިރު ތުހުމަތު ކުރެވޭ ފިރިހެންމީހާ ރާއްޖެއިން ފުރާފައިވާ ކަމަށެވެ. އަދި އޭނާ ފުރުވާލީ ކީއްވެގެން ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ރިސޯޓުގައި އިންޓާން އަކަށް މަސައްކަތްކުރާ އެ އަންހެން ކުއްޖާގައިގައި ގަދަކަމުން އަތްލާން އުޅުނީ ކޮން ގައުމެއްގެ މީހެއްތޯ ސުވާލުކުރުމުން އެއީ އިންޑިއާ މީހެއް ކަމަށް ފަހުން ފުލުހުން ބުނެފައިވެ އެވެ.

މިމައްސަލަ ފުލުހުން ބަލަންފެށީ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިއަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށް، އަދި އެ ކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވާ ކަމަށް ރާއްޖޭގެ ނޫސްތަކުން ރިޕޯޓް ކޮށް ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން އަޑު އުފުލަން ފެށުމުންނެވެ.

އަންހެނެއްގެ ގައިގައި އޭނާގެ ނުރުހުމުގައި އަތްލާން އުޅުމަކީ ޖިންސީ ފުރައްސާރައިގެ ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އަދި މިކަމަކީ ތަހުގީގުކޮށް އެ ފަރާތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކުށެކެވެ.

ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައާ ގުޅުންހުރި ކަންކަމުގައި އެކަމުގެ ޝިކާރައަކަށް ވާ މީހުންނަށް އިންސާފު ހޯދައިދިނުމުގައި މިސަރުކާރުގެ ޒީރޯ ޓޮލަރެންސް ނެތް ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ. އެގޮތުން ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕް ކޮށްލި ކަމަށް ބުނާ މައްސަލައިގައި އެ އަންހެން މީހާގެ ބަޔާން ބަދަލުކޮށް އެއީ ނުހިނގާ ކަމެއްކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ ލޯޔަރުން ވަނީ ބަޔާން ނެރެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގާފައިވަނީ އެއީ ކުރިޔަސް ކުރިކަން ވެސް ނޭނގޭހާ ކުޑަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު ޖިންސީ ފުރައްސާރަ ކުރިކަމަށް އަންހެނަކުކުރާ ތުހުމަތުތަކަށް ވެސް ކަމާބެހޭ ފަރާތްތަކުން އެއްވެސް ތަހުގީގެއް ހިންގާފައި ނުވެ އެވެ. ފުލުހުންގެ މުއައްސަސާގައި ކުރިން މަސައްކަތްކުރި އެ އަންހެން މީހާ ހޯމް މިނިސްޓަރާ މަގުމަތިން ވަޑައިގަންނަވަނިކޮށް އަޑު އުފުލިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.